އެކްޓިވިސްޓުން ޖަރުމަނު ޕާލިމަންޓުގެ ދިދަ ބާލައި ފަލަސްޠީނު ދިދަ ނަގައިފި
ޣައްޒާ ހަނގުރާމައާ ދެކޮޅަށް ޖަރުމަނުވިލާތުގެ ސަރުކާރު ހިމޭނުން އޮންނާތީ އެކަމާ އިޙުތިޖާޖުކުރުމުގެ ގޮތުން އެކްޓިވިސްޓުންތަކެއް ނިކުމެ އެ ޤައުމުގެ ޕާލިމަންޓު ކުރިމަތީ ދިދަދަނޑީގައި ހުރި ޖަރުމަނު ދިދަ ތިރިކޮށް ފަލަސްޠީނުގެ ދިދަ ނަގައިފިއެވެ.
ޣައްޒާ ހަނގުރާމައާ ދެކޮޅަށް ޖަރުމަނުވިލާތުގެ ސަރުކާރު ހިމޭނުން އޮންނާތީ އެކަމާ އިޙުތިޖާޖުކުރުމުގެ ގޮތުން އެކްޓިވިސްޓުންތަކެއް ނިކުމެ އެ ޤައުމުގެ ޕާލިމަންޓު ކުރިމަތީ ދިދަދަނޑީގައި ހުރި ޖަރުމަނު ދިދަ ތިރިކޮށް ފަލަސްޠީނުގެ ދިދަ ނަގައިފިއެވެ.
މި ޙަރަކާތް ރޭވީ "ޕީސްފުލީ އެގެއިންސްޓް ޖެނޮސައިޑް" ނަމަކަށް ކިޔާ ޖަމާޢަތަކުންނެވެ. އެ ޖަމާޢަތުން ބުނީ މިއީ ފަލަސްޠީނު ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމަށާއި، ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގަތުލުޢާންމާ ދެކޮޅަށް ޖަރުމަނުގެ ސިޔާސީ ވެރިން އެކަށީގެންވާ ފިޔަވަޅު ނާޅާތީ ހިންގި ޙަރަކާތެއް ކަމަށެވެ.
އެ ޖަމާޢަތުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ ގަތުލުޢާންމަށް ތާއީދުކޮށް ނުވަތަ އެކަމާ ދެކޮޅަށް އެއްޗެއް ނުބުނެ ހިމޭނުން ތިބޭ ސަރުކާރުތަކުން ތަމްސީލުކުރަނީ ރައްޔިތުންގެ އިޙުސާސްތައް ނޫން ކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ހިންގިޔަސް ނަސްލުހޭދުކުރުމުގެ ޢަމަލުތަކަކީ އެންމެންނާ ގުޅުން ހުރި ކަމެއް ކަމަށާއި، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހުއްޓުވުމުގެ ޒިންމާއިން އެއްވެސް ފަރާތަކަށް ރެކެވެން ނޯންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ސަރުކާރުތަކުން އިޙުތިރާމް ނުކުރާ ނަމަ އެ ޤާނޫނުތަކުގެ ބޭނުމާ މެދު އެ ޖަމާޢަތުން ވަނީ ސުވާލު އުފައްދާފައެވެ.
ބާލިންގެ ފުލުހުން ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން އެ ސަރަޙައްދުން ތިން އެކްޓިވިސްޓަކު ވަނީ ހައްޔަރުކޮށްފައެވެ. ދައުލަތާއި ދައުލަތުގެ ރަމްޒުތަކަށް އިހާނެތިކޮށް ހިތުމުގެ ތުހުމަތު އެ މީހުންގެ މައްޗަށް ވަނީ ކޮށްފައެވެ.
"ޕީސްފުލީ އެގެއިންސްޓް ޖެނޮސައިޑް" އިން ބުނީ އިސްތިޢުމާރީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަށާއި ޖަރުމަނު ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިޙުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ. އެ ގޮތުން ހަތިޔާރު އުފައްދާ ކުންފުނި ރައިންމެޓާލް އިން އިޒްރޭލަށް ހަތިޔާރު ފޮނުވުން ހުއްޓައިލުމަށާއި ބާލިންގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަންދުކުރުމަށް ގޮވައިލުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް