މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރީ ސަރުކާރުތައް ފަހަތަށް ޖެހުނީ ބަހަނާ ދައްކައިގެން: ރައީސް
ކުރީގެ ސަރުކާރުތަކުން ޝަރުޢީ ނިޒާމު މިނިވަން ނޫން ކަމަށް ބުނެ މަރުގެ އަދަބު ތަންފީޒުނުކޮށް ދެއްކީ ބަހަނާ ކަމަށާއި، މި ސަރުކާރުން އެ ޙުކުމް ތަންފީޒުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުތަކުން ޝަރުޢީ ނިޒާމު މިނިވަން ނޫން ކަމަށް ބުނެ މަރުގެ އަދަބު ތަންފީޒުނުކޮށް ދެއްކީ ބަހަނާ ކަމަށާއި، މި ސަރުކާރުން އެ ޙުކުމް ތަންފީޒުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ޝަރުޢީ ނިޒާމު މިނިވަންކަން އިޢުލާނުކުރައްވާފައިވާނެ ކަމަށެވެ. ކުރީ ސަރުކާރުތަކުގައި ރައީސް އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވައި ވަކި މީހުން މިނިވަންކުރުވުން ފަދަ ކަންކަން ހިނގި ނަމަވެސް، މި ސަރުކާރުން އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޝަރުޢީ ދާއިރާ މިނިވަންކަމާ އެކު ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ސަރުކާރުން ފޯރުކޮށްދެމުން ގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާ އިރު މަރުގެ އަދަބަކީ ދީނުގައި ސާފުކޮށް އޮތް ފަރުޟެއް ކަމަށާއި، އެ ޙުކުމް ތަންފީޒުކުރަންޖެހޭ ހިސާބަށް ދިއުމުން ތަންފީޒީ ދާއިރާއިން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.
"މިނިވަން ނުވެޔޭ ކިޔާފަ ނޫނީ އެކި ބޭރުގެ ވިޔަސް އެތެރޭގެ ވިޔަސް ނުފޫޒުތަކާ ހެދި، މީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގަ މީގެ ކުރީގެ ސަރުކާރުތަކުން މިކަމުގަ ފަހަތަށް ޖެހުނު ޖެހުމަކީ އަޅުގަނޑު ފަހަތަށް ޖެހެންޖެހޭނެ ސަބަބެއް ނޫން،" ރައީސް ވިދާޅުވިއެވެ.
މަރުގެ އަދަބު ކަނޑައެޅުމާއި ދަންޖައްސައިގެން ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބިލުގައި މަރުގެ އަދަބު ކަނޑައެޅުމަށް ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، ކޯޓުތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، އަދަބު ތަންފީޒުކުރުން މަނާ ޙާލަތްތަކާއި، ތަންފީޒުގެ ކުރިން ކުށްވެރިޔާއަށް ލިބިދޭންޖެހޭ ޙައްޤުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް