ރަސްމާލެ މަޝްރޫޢާ ގުޅޭ ރެފަރެންޑަމެއް ނުބާއްވާނެ: ރައީސް
ރަސްމާލެ މަޝްރޫޢާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫޢާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރެފަރެންޑަމަކަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ ކަމަށް ބުނާ މައްސަލައިގައި ރެފަރެންޑަމަކަށް ގޮވައިލުމަށް އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުން ދާދިފަހުން ފާސްކޮށްފައިވެއެވެ.
"މި ކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިންގާނެ ކަމެއް ނޫން، މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މިހިރީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި އަޅުގަނޑުމެންގެ ގާނޫނުތަކާއި މި ހުރިހާ ކަމަކަށް ރިއާޔަތްކުރެވިފައި މި އޮތީ ގާނޫނުގައި ސީދާ،" ރައީސް ވިދާޅުވިއެވެ.
ރައީސް އެ އިޝާރާތް ކުރެއްވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށެވެ. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި މި ބިލަކީ ރަސްމާލެ ފަދަ ރިއަލް އެސްޓޭޓް ދާއިރާއަށް ޚާއްޞަކޮށް އެކުލަވައިލެވޭ ފުރަތަމަ ޤާނޫނެވެ. ބިލުގެ ދަށުން ރިއަލް އެސްޓޭޓް ވިޔަފާރި ރެގިއުލޭޓް ކުރުމަށް ވަކި އިދާރާއެއް އުފެއްދުމާއި، ވިއްކާ ބިމާއި ޔުނިޓުތަކުގެ ދަފްތަރެއް ޤާއިމުކުރުމާއި، ޑިވެލޮޕަރުންނާއި ބްރޯކަރުންނާއި އޭޖެންޓުންނަށް ލައިސަންސް ދިނުމުގެ ނިޒާމެއް ހަމަޖެއްސުން ހިމެނެއެވެ. އިމާރާތް ނުނިމެނީސް ޔުނިޓު ގަންނަން ދައްކާ ފައިސާއަށް ޤާނޫނީ ރައްކާތެރިކަން ލިބިދޭ ގޮތަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
ބިލުގެ މުހިންމު ބައެއް މާއްދާތަކަށް ބަލާއިރު، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއް މާސްޓާ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރަށް ކަމަށް ކަނޑައަޅާފައިވެއެވެ. ވަކި އެއް ޤައުމެއްގެ ރައްޔިތުންނަށް ނުވަތަ ކުންފުނިތަކަށް ރަޖިސްޓްރީ ކޮށްދެވޭނީ ޖުމްލަ ބިމުގެ 25 އިންސައްތައަށް ވުރެ އިތުރު ނުވާ މިންވަރަކަށެވެ. އިސްތިއުމާރީ އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އެ ޤައުމުގެ ޙިއްޞާ އޮންނަ ކުންފުންޏަކަށް ޒޯނުން ޕްރޮޕަޓީއެއް ނުވިއްކޭނެއެވެ. ޕްރޮޕަޓީ ގަތުމަކުން ދިވެހި ރައްޔިތަކަށް ވުމުގެ ޙައްޤެއް ނުލިބޭނެ ކަމަށާއި، ޒޯނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ބަންގުރަލާއި އޫރުމަސް ފަދަ ތަކެތި އެ ޒޯނުގައި އިމްޕޯޓުކުރުމާއި ވިއްކުމާއި ބޭނުންކުރުން މުޅިން މަނާވާނެ ކަމަށާއި، ޖުވާ ކުޅުމާއި އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުމާއި އަޅުކަންކުރާ ތަންތަން ހެދުން ވެސް ބިލުން މަނާކޮށްފައިވެއެވެ. ޤާނޫނާ ޚިލާފު ޢަމަލެއް ޖިނާއީ ކުށެއް ކަމުގައި ބެލެވޭ ނަމަ، އިދާރީ ފިޔަވަޅުތަކުގެ އިތުރުން ތަޙުޤީޤު ކުރުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހެޅުން ލާޒިމުވާ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް