ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ބެހުމަށް ސަރުކާރުގެ އާ ކުންފުންޏެއް އުފައްދައިފި
ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" (ޑީއާރްއެޗްސީ) ގެ ނަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފިއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" (ޑީއާރްއެޗްސީ) ގެ ނަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފިއެވެ.
ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނީގެ މަޤުޞަދުތަކުގެ ތެރޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްޤީކޮށް ހިންގުމާއި، ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ޤައުމީ އިޤްތިޞާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުން ހިމެނޭ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އޭގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން، ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ވާދަވެރި ފަތުރުވެރިކަމުގެ ވިޔަފާރީގެ މާޙައުލެއް ބިނާކުރުމަކީ ވެސް އެ ކުންފުނީގެ އަމާޒެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ޤުދުރަތީ ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތަށާއި އަންނާން އޮތް ޖީލުތަކަށް ދިގު މުއްދަތުގެ މަންފާ ލިބޭނެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމަކީ ވެސް މި ކުންފުނި އުފެއްދެވި ސަބަބެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މި ނިޒާމު އިޢުލާނުކުރައްވައިފައެވެ. އެ ގޮތުން ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއް ފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއް ކަމުގައި ކޮންމެ ދިވެހި ރައްޔިތަކު ޤާނޫނަކުން ކަނޑައަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް