ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ އަދަދު ބެލުމަށް ޚާއްޞަ އޮޑިޓެއް ހަދަނީ
ސަރުކާރުގެ މުއައްސަސާތަކުގައި ތިބި މުވައްޒަފުންގެ އަދަދު އެ ތަންތަނަށް ޙަޤީޤަތުގައި ބޭނުންވާ މިންވަރާ އެއްވަރުތޯ ބެލުމަށް ޚާއްޞަ އޮޑިޓެއް ކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މުއައްސަސާތަކުގައި ތިބި މުވައްޒަފުންގެ އަދަދު އެ ތަންތަނަށް ޙަޤީޤަތުގައި ބޭނުންވާ މިންވަރާ އެއްވަރުތޯ ބެލުމަށް ޚާއްޞަ އޮޑިޓެއް ކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި ނޭޝަނަލް ޕޭ ކޮމިޝަން ގުޅިގެން މި އޮޑިޓު ކުރިއަށް ގެންދާނެ ކަމަށެވެ. އެ އޮޑިޓަށް ފަހު، ބޭނުންވާ ވަރަށް ވުރެ ގިނައިން މުވައްޒަފުން ތިބި އިދާރާތަކުން މުވައްޒަފުން މަދު ތަންތަނަށް މީހުން ބަދަލުކުރާނެ ކަމަށް ވިދާޅުވިއެވެ. މިއީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް އަންނަ އަހަރު ސަރުކާރުގެ އޮނިގަނޑަށް އައު މަގާމުތައް ނުއުފެއްދުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވަޒީފާއިން ވަކިވާ މީހުންގެ ބަދަލުގައި މުވައްޒަފުން ނެގުމުގައި ވެސް ކޮންމެހެން ބޭނުންވާ މަގާމުތަކަށް އެކަނި ނެގުމަށް ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ވެސް ނިންމަވާފައި އޮތީ މި އަންނަ އަހަރު އާ މަގާމުތައް ނުއުފައްދަން. ހަަމަ އެއާ އެކު، ރިޕްލޭސްމެންޓް ވެސް ކޮންމެހެން ބޭނުންވާ މަގާމުތަކަށް އެކަނި ނެގުން. އަދި ހަމަ އަޅުގަނޑުމެން، ފިނޭންސް މިނިސްޓްރީ އަދި ޕޭކޮމިޝަން ގުޅިގެން، ސަރުކާރުގެ މުއައްސަސާތަކުގައި މިހާރު ތިބީ ހަމަ ބޭނުންވާ ވަރަށްތޯ މުވައްޒަފުން ބަލައި އެ ކަހަލަ އޮޑިޓެއް ވެސް ކުރުމަށް ވިސްނާފައި މިއޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. ތެލަށް ކުރާ ޚަރަދު ކުޑަކުރުމުގެ ގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރެނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިހާރު ކުރިއަށްދާ 150 މެގަވޮޓުގެ ދެ މަޝްރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް