ރަޝިއާއާ ގުޅޭ ފައިސާގެ މުޢާމަލާތްތައް ހުއްޓައިލި ވާހަކަ ބީއެމްއެލުން ދޮގުކޮށްފި
ރަޝިއާއަށް ފައިސާ ފޮނުވުމާއި އެ ޤައުމުން ފައިސާ ބަލައިގަތުމާ ގުޅޭ ގޮތުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި، އެފަދަ މުޢާމަލާތްތައް ހުއްޓައިލީ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޮގުކޮށްފިއެވެ.
ރަޝިއާއަށް ފައިސާ ފޮނުވުމާއި އެ ޤައުމުން ފައިސާ ބަލައިގަތުމާ ގުޅޭ ގޮތުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި، އެފަދަ މުޢާމަލާތްތައް ހުއްޓައިލީ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޮގުކޮށްފިއެވެ.
ބީއެމްއެލްގެ ތަރުޖަމާން މުޙައްމަދު ސައީދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ބޭންކުގެ ފަރާތުން އެއްވެސް މީޑިއާއަކަށް ބަޔާނެއް ނުވަތަ މަޢުލޫމާތެއް ވެސް ދީފައި ނުވާނެ ކަމަށެވެ. ރަޝިއާއިން ފޮނުވާ ނުވަތަ އެ ޤައުމާ ގުޅުން ހުރި ފައިސާގެ މުޢާމަލާތްތައް ހުއްޓުވުމަށް ވަކި ޚާއްޞަ ސިޔާސަތެއް ބީއެމްއެލުން ކަނޑައަޅާފައި ނުވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި، އެހެން ބޭންކުތަކެކޭ އެއްފަދައިން ބޭރު ފައިސާގެ މުޢާމަލާތްތައް، ޚާއްޞަކޮށް އެމެރިކާ ޑޮލަރުގެ މުޢާމަލާތްތައް ނިންމުމުގައި ބީއެމްއެލުން ބަރޯސާވަނީ ބައިނަލްއަޤުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށެވެ.
"މި ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށެވެ. މީގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނެއެވެ،" ސައީދު ވިދާޅުވިއެވެ.
ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ސިޔާސަތުތަކާ ފުށުއަރާ މުޢާމަލާތްތައް އެ ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވައިލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚުތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށް ސައީދު ވިދާޅުވިއެވެ. ބީއެމްއެލުން ޖެހެނީ އެ ނިންމުންތަކާ އެއްގޮތަށް ޢަމަލުކުރަން ކަމަށް ވެސް ވިދާޅުވިއެވެ.
"މިފަދަ ހަގީގަތާ ޚިލާފު ޚަބަރުތަކުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާކަމަށް ބޭންކުން ދެކެމެވެ،" ސައީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް