އީރާނާ ދެކޮޅު ޢަސްކަރީ ކެމްޕެއިން ނިމިއްޖެ ކަމަށް ޓްރަމްޕް އިޢުލާންކޮށްފި
ޤަޠަރުގެ ބޮޑުވަޒީރާ އެކު ވޮޝިންގޓަނުގައި ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ނޫސް ބްރީފިންގައި، އީރާނާ ދެކޮޅު ހަނގުރާމައިގެ ޢަސްކަރީ ބައި ނިމިފައިވާ ކަމަށް ސިފަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވާހަކަ ދައްކައިފިއެވެ.
ޤަޠަރުގެ ބޮޑުވަޒީރާ އެކު ވޮޝިންގޓަނުގައި ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ނޫސް ބްރީފިންގައި، އީރާނާ ދެކޮޅު ހަނގުރާމައިގެ ޢަސްކަރީ ބައި ނިމިފައިވާ ކަމަށް ސިފަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވާހަކަ ދައްކައިފިއެވެ.
ޓްރަމްޕް ބުނީ އީރާނުގެ ޢަސްކަރީ ޤާބިލުކަން ހަލާކުކޮށްލެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އީރާނުގެ ބަނދަރުތައް ބަންދުކޮށް ކަނޑުމަގުން އެޅި ފިޔަވަޅުތަކާއި، އެއްގަމު މަގާއި ކެސްޕިއަން ކަނޑު ހުރަސްކޮށް ކުރާ ވިޔަފާރި ހުއްޓުވުމަށް އެކުލަވައިލި ޓާސްކް ފޯސް އަޔަން ގޭޓް ދެމެހެއްޓުމަށް ސަރަޙައްދީ ބައިވެރީން އެދެމުންދާ ކަމަށް ޓްރަމްޕް އެއްބަސްވިއެވެ. އިތުރު ޢަސްކަރީ ފިޔަވަޅެއް މިވަގުތު ޒަރޫރީ ނޫން ކަމަށާއި، ޙާލަތު ބަދަލުވެއްޖެ ނަމަ އެމެރިކާ ތައްޔާރަށް އޮތް ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.
"ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ބަޙްރައިން، ކުވެއިތު އަދި އެ ނޫން ޤައުމުތަކުން ބޭނުންވަނީ މިހާރު އޮތް ގޮތަށް ދެމެހެއްޓުން، އެބަހީ އެ ޤައުމުތަކުގެ ތާރީޚުގައި، އަދި ފަހަރެއްގައި ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ބޮޑު ކަނޑުގެ ޙިޞާރު ކުރިއަށް ގެންދިއުން،" ޓްރަމްޕް ބުންޏެވެ.
ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީ ސޯޝަލް މީޑިއާގައި ވިދާޅުވީ ސަރަޙައްދީ މަސްރަޙާއި އެމެރިކާ-އީރާން މަޝްވަރާތައް ކުރިއެރުވުމާ ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ. އެ ބައްދަލުވުމުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ އީރާނުގެ ދެ ދުވަހުގެ ހުށަހެޅުމެއް ޓްރަމްޕަށް ހުށަހެޅުއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް ޖޭޑީ ވެންސް ވެސް ބައިވެރިވިއެވެ.
އެހެން ނަމަވެސް އީރާނުގެ އޮފިޝަލުން ޓްރަމްޕްގެ ވާހަކަތައް ބަލައެއް ނުގަތެވެ. އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކެރެޓަރީ މުޙްސިން ރެޒާއީ ސޯޝަލް މީޑިއާގައި ބުނީ "އީރާނާ ދެކޮޅު ހަނގުރާމައިން އެމެރިކާ ސަރުކާރު ވެއްޓިއްޖެ" ކަމަށާއި، "މާޔޫސް ޖުވާ ކުޅުންތެރިއެއް ފަދައިން ވޮޝިންގޓަން ތެޅިފޮޅޭ" ކަމަށެވެ. އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ބުނީ ސުޕްރީމް ލީޑަރު މުޖްތަބާ ޚާމެނާއީ، "ހަނގުރާމައެއް ވެސް ނޫން، ޞުލްޙައެއް ވެސް ނޫން" ކަމަށް ސިފަކުރެވޭ ޙާލަތު ނިމުމަކަށް ގެނައުމަށް ގޮވައިލެއްވި ކަމަށެވެ. "ބާރާއި ބިރުދެއްކުމަށް އަޅުގަނޑުމެން ނުގުޑާނަން،" ޕެޒެޝްކިއާން ބުންޏެވެ.
މިދިޔަ ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމައިގައި އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކޮށް، ޤަޠަރާއި ބަޙްރައިނާއި ކުވެއިތާއި ޔޫއޭއީގައި ހުރި އެމެރިކާގެ ޢަސްކަރީ ތަންތަނަށް ޑްރޯނާއި މިސައިލުން ހަމަލާ ދީފައިވެއެވެ. ސަޢޫދީ ޢަރަބިއްޔާ އީރާނުގެ ތާއީދު ލިބޭ ހޫޘީންނާ ދެކޮޅަށް ހަނގުރާމަ އައު ކޮށް، އިސްތިޢުމާރީ އިޒްރޭލުން ދެކުނު ލުބުނާނު އިސްތިޢުމާރުކޮށް ވައިގެ ހަމަލާތައް ވެސް ފެށިއެވެ. ގާތްގަނޑަކަށް ނުވަ މަސް ވެފައިވާ މި ހަނގުރާމައިގައި ފާއިތުވި ދުވަސްތަކުގައި އީރާނުގެ ޤެޝްމް ޖަޒީރާއަށް "ކުދި ހަމަލާތަކެއް" ދިން ކަމާއި، އީރާނުގެ ނިއުކުލިއާ ޕްރޮގުރާމާ ބެހޭ މަޢުލޫމާތު ހޯދުމަށް 20 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހެޅި ކަން ޓްރަމްޕް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ޖޫން 2025 ގައި ބާރަ ދުވަހަށް ދެމިގެންދިޔަ ހަމަލާ ބަދަލުކުރުމަށް ފަހު ޓްރަމްޕް ބުނީ އީރާނުގެ ޔޫރެނިއަމް ފައްކާކުރުމުގެ ޕްރޮގުރާމް ނައްތައިލެވިފައިވާ ކަމަށެވެ. ނިއުކުލިއާ ހަތިޔާރެއް ހެދުމުގެ ނިޔަތެއް ނެތް ކަމަށް އީރާނުން ތަކުރާރުކޮށް ބުނެފައިވެއެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ހުށަހެޅި ހަތް ޝަރުތުގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާއި، ގަނޑުކޮށްފައިވާ ފައިސާ ދޫކުރުމާއި، ހުރުމުޒް ކަނޑުއޮޅީގައި ޢުމާނާ ގުޅިގެން ރާވާފައިވާ އައު ޝިޕިން ރޫޓް ބަލައިގަތުމާއި، ލުބުނާނަށް ދޭ ހަމަލާތައް ހިމެނޭ ގޮތަށް ހުރިހާ ރޮނގެއްގައި ހަނގުރާމަ ހުއްޓައިލުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް