2027 ގެ ބަޖެޓާ މެދު އެމްއެމްއޭގެ ލަފާ - ޚަރަދު ކުޑަކޮށް މާލީ އިސްލާހުތައް އަވަސްކުރުމަށް ގޮވާލައިފި
އަންނަ އަހަރަށް ހުށަހަޅާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހިމެނޭތީ، ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމާއި މާލީ ނިޒާމު ހަރުދަނާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާރުއަޅައިފިއެވެ.
އަންނަ އަހަރަށް ހުށަހަޅާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހިމެނޭތީ، ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމާއި މާލީ ނިޒާމު ހަރުދަނާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާރުއަޅައިފިއެވެ.
އެ އޮތޯރިޓީން ފާހަގަކޮށްފައިވާ ގޮތުގައި ބަޖެޓުގެ ޑެފިސިޓަކީ ޖީޑީޕީގެ ނިސްބަތުން ހަތް އިންސައްތައެވެ. ބަޖެޓުގެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ޚަރަދުތައް ކަމަށާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ދުވަސްވީ މީހުންގެ ޕެންޝަނާއި ސަބްސިޑީ ފަދަ ކަންކަމަށް އެކަނި 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ޚަރަދު ކޮންޓްރޯލްކުރުމުގެ ގޮތުން އެމްއެމްއޭ އިން ލަފާދީފައިވަނީ ކަރަންޓުގެ ސަބްސިޑީ ޙަޤީޤަތުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްޞަކުރުމަށާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހަލުވިކުރުމަށާއި، ޞިއްޙީ ދާއިރާއަށް ރާވާފައިވާ މާލީ ބަދަލުތައް ޢަމަލީ ގޮތުން ހިންގުމަށެވެ. އޭގެ އިތުރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާ އިރު، މި ދަނޑިވަޅުގައި އެންމެ ބޮޑަށް ބޭނުންވާ މަޝްރޫޢުތައް އިސްކުރުމަށް ވެސް އެ އޮތޯރިޓީން ލަފާދީފައިވެއެވެ.
އިޤުތިޞާދު ސިންދަފާތުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާއި، ދައުލަތަށް ލިބޭ އާމްދަނީގެ ވަސީލަތްތައް އިދާރީ ގޮތުން ރަނގަޅަށް ބެލެހެއްޓުމަށް ވެސް އެމްއެމްއޭ އިން އިރުޝާދު ދީފައިވެއެވެ.
ދިގު ރާސްތާގެ އިޤުތިޞާދީ ހަމަޖެހުން ޔަޤީންކުރެވޭނީ ދެމެހެއްޓެނިވި މާލީ އިސްލާހުތައް އެކީއެކައްޗަކަށް ތަންފީޒުކޮށްގެން ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ. ސަރުކާރުގެ މެދު ރާސްތާގެ މާލީ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ އެ ލަފާގައި ހިމެނޭ ފިޔަވަޅުތައް ބާރު ދުވެއްޔެއްގައި ތަންފީޒުކޮށްގެން ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް