ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންޓެއް ހޯދުމަށް އިއުލާންކޮށްފި
ފުށިދިއްގަރުފަޅުގައި ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފުށިދިއްގަރުފަޅުގައި ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް، މަޝްރޫޢާ ގުޅޭ ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރް) އާ އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ. ޓީއޯއާރްގައިވާ ގޮތުން، ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، އިޤުތިޞާދީ ވަރުގަދަކަމާއި، އިޖުތިމާޢީ ޝާމިލުވުން ކަށަވަރުކޮށްދީ، މޫސުމީ ނުރައްކާތަކަށް ތައްޔާރުވެފައިވާ ޕްލޭނެއް ހެދުމަށް އެ މިނިސްޓްރީން ބޭނުންވެއެވެ. އޭގެ އިތުރުން، އިޢާދަކުރަނިވި ހަކަތައާއި ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތައް ހިމެނޭ ތަރައްޤީގެ ފްރޭމްވޯކެއް ވެސް ކޮންސަލްޓެންޓުގެ ފަރާތުން ހުށަހަޅަން ޖެހޭނެއެވެ.
ރާއްޖޭގެ މޫސުމީ ނާޒުކު ހާލަތްތަކަށް ވެސް މި ޕްލޭނުގައި ރިޢާޔަތްކުރަން ޖެހޭނެ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ކަންކަން ހިމަނަން ޖެހޭނެ ކަމަށް ޓީއޯއާރްގައި ބަޔާންކޮށްފައިވެއެވެ. މި މަޝްރޫޢު ހިންގާ އެޖެންސީގެ ގޮތުގައި މަސައްކަތްކުރާނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓެވެ. ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން މަޝްރޫޢުގެ މުޅި މުއްދަތުގައި ކޯޑިނޭޓުކުރުމުގެ ޒިންމާ އުފުލާނީ އެ މިނިސްޓްރީންނެވެ.
ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހިންގާ މަޝްރޫޢެކެވެ. ފުށިދިއްގަރުފަޅުން 1,009 ހެކްޓަރުގެ ބިން ހިއްކައި، ރާއްޖޭގެ ފުރަތަމަ "އީކޯ ސިޓީ"ގެ ގޮތުގައި އެ ތަން ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް