މައިގަނޑު ބަޔަށް ދާން

ހަބަރު

ރިސޯޓުތަކުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަންޖެހޭ - ގަވަރުނަރު

ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަންޖެހޭ ބޭރު ފައިސާ ހޯދުމަށް ރިސޯޓުތަކުގެ ހިސާބުތައް ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން އޮޑިޓްކުރަންޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

ރިސޯޓުތަކުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަންޖެހޭ - ގަވަރުނަރު

ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަންޖެހޭ ބޭރު ފައިސާ ހޯދުމަށް ރިސޯޓުތަކުގެ ހިސާބުތައް ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން އޮޑިޓްކުރަންޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ ރާއްޖެއަށް އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ބޭންކިން ނިޒާމަށް ވަންނަނީ 3.8 ބިލިއަން ޑޮލަރު ނުވަތަ 65 އިންސައްތަ ކަމަށެވެ. ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ނަމަ، މިހާރު ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން މިހާ ބޮޑުނުވީސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީރާގެ ހިސާބުތަކާ ހަވާލާދެއްވައި ގަވަރުނަރު ވިދާޅުވީ ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ ގާތްގަނޑަކަށް 50 ވަރަކަށް ރިސޯޓުން ކަމަށެވެ.

"އޭގެ މާނައަކީ ކޮބައިތޯ؟ ފައިދާއެއް ނުވަނީތޯ ނުވަތަ ކޮންމެވެސް ކަހަލަ މައްސަލަތަކެއް އެބައުޅޭ. އެހެންވީމާ އެ ބޭފުޅުންގެ ހިސާބުތައް އޮޑިޓުކުރަން އެބަ ޖެހޭ ނޫންތޯ؟ ކަންމަތީ ފިހާރަތަކަށް އެކަނި ނޫން މީރާއިން ދާންވީކީ. ޓޫރިޒަމްގެ ހުރި ހިސާބުތައް ރަނގަޅުތޯ ވެސް ބަލަން އެބަ ޖެހޭ،" ގަވަރުނަރު ވިދާޅުވިއެވެ.

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކާއި ރިސޯޓުތަކުން ޚާއްޞަ އެކައުންޓުތައް ހުޅުވުމަށް މިހާރު ވެސް އެމްއެމްއޭއިން އަންގާފައިވާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި މޮނިޓަރިން އިތުރަށް ހަރުކަށިކުރައްވާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ޑޮލަރުގެ ރޭޓް ފްލޯޓްކުރުމާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ޔޫޒަބަލް ރިޒާވް އެއް ބިލިއަން ޑޮލަރަށް ނާރަނީސް އެ ފިޔަވަޅު އެޅުމުން ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށާއި، އެފަދަ ނިންމުމެއް ނިންމުމަށް މިވަގުތު ލަފާނުދެއްވާނެ ކަމަށެވެ.

ކުރިއަށް އޮތް ދެ ތިން އަހަރު ތެރޭގައި ޓޫރިޒަމް ދާއިރާއިން ޑޮލަރުން ދައްކާ ބައެއް ޓެކްސްތައް ދިވެހި ރުފިޔާއިން ދެއްކޭ ގޮތް ހެދުމަށް ސަރުކާރާ އެކު މަޝްވަރާކޮށް، އެމްއެމްއޭގެ ރޯޑްމެޕްގެ ތެރެއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.