އީރާނަށް ހަމަލާ ދިނުމަށް ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅާ - ވައިޓް ހައުސްއާއި އަރަބި ލީޑަރުން ކަންބޮޑުވެފައި
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ބާރު އަޅައި އިސްތިއުމާރީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކޮންމެ ދުވަހަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅަމުންދާ ކަމަށާއި، މިކަމާ މެދު ވައިޓް ހައުސްގެ އިސް ފަރާތްތަކާއި އަރަބި އިސްލާމީ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ބޮޑެތި ކަން
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ބާރު އަޅައި އިސްތިއުމާރީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކޮންމެ ދުވަހަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅަމުންދާ ކަމަށާއި، މިކަމާ މެދު ވައިޓް ހައުސްގެ އިސް ފަރާތްތަކާއި އަރަބި އިސްލާމީ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ނަތަންޔާހޫ ހަނގުރާމަ އަލުން ފެށުމަށް ބާރު އެޅި ނަމަވެސް، ވައިޓް ހައުސްގެ އިސް އޮފިޝަލުންނާއި އަރަބި ލީޑަރުން ދަނީ އިތުރު ހަމަނުޖެހުމަކަށް ނުގޮސް ސުލްހަވެރި މަޝްވަރާތަކަށް އިސްކަން ދިނުމަށް ޓްރަމްޕަށް ވިސްނައިދެމުންނެވެ. ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި، ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާނާއި، ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ޘާނީ އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހިމެނޭ ގޮތުން މަދުވެގެން ހަތަރު ލީޑަރަކު ފާއިތުވި ދުވަސްތަކުގައި ޓްރަމްޕަށް ގުޅައި ޑިޕްލޮމެޓިކް ހައްލަކަށް ފުރުޞަތު ދިނުމަށް އެދިފައިވެއެވެ. އެ ލީޑަރުން ކަންބޮޑުވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބަށް ފަހު އަލުން ދޭ ހަމަލާތަކެއްގެ ސަބަބުން މުޅި ސަރަޙައްދު ނުރައްކާތެރި ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެތީއެވެ.
ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް ވިދާޅުވީ "މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންވީ ސަރަޙައްދީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ސިޔާސީ އަދި ޑިޕްލޮމެޓިކް ހައްލުތައް ހޯދުމަށް" ކަމަށެވެ.
ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް މިވަގުތު އަސްކަރީ ފިޔަވަޅެއް އެޅުމުގެ ފުރުޞަތު ކުޑަ ކަމަށް އިޝާރާތްކޮށްފައެވެ. އީރާނުގެ އަސްކަރިއްޔާ ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް "އެދެވޭ ކުރިއެރުންތަކެއް" ލިބެމުންދާ ކަމަށް ޓްރަމްޕް ބުންޏެވެ. ޓްރަމްޕް މިހެން ބުނީ ވައިޓް ހައުސްގައި ޤަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލް ޘާނީއާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބައިވެރިވި ބައްދަލުވުމަކަށް ފަހުގައެވެ.
އީރާނުން ވަނީ އެ ޤައުމަށް އަނެއްކާ ވެސް ހަމަލާއެއް ދީފި ނަމަ ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އެ ގޮތުން ހޮރުމުޒް ކަނޑުއޮޅީގައި އަޅާފައިވާ ކަނޑު އަޑީގެ ކޭބަލްތަކާއި ސަރަޙައްދުގެ ޑޭޓާ ސެންޓަރުތަކަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ވެސް އީރާނުން ދީފައިވެއެވެ. ވޮޝިންޓަނާއި ތެހެރާނާ ދެމެދު ވަގުތީ އެއްބަސްވުމަކަށް އައުމަށް ޤަތަރު ފަދަ ޤައުމުތަކުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އިސްތިއުމާރީ އިޒްރޭލުން އަދިވެސް މަސައްކަތް ކުރަނީ އެމެރިކާ ލައްވައި އީރާނަށް އިތުރު ހަމަލާ ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް