ގަވަރުނަރުގެ ފާޑުކިޔުންތަކަށް ރައްދުދީ މީރާއިން ބަޔާނެއް ނެރެފި
ޓެކްސް ޤާނޫނު ތަންފީޒުކުރުމުގައި ވިޔަފާރީގެ ބާވަތަށާއި ކުޑަބޮޑުމިނަށް ނުބަލައި ހުރިހާ ފަރާތެއްގެ މެދުގައި ހަމަހަމަކޮށް ޢަމަލުކުރަމުންދާ ކަމަށް ބުނެ މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބަޔާނެއް ނެރެފިއެވެ.
ޓެކްސް ޤާނޫނު ތަންފީޒުކުރުމުގައި ވިޔަފާރީގެ ބާވަތަށާއި ކުޑަބޮޑުމިނަށް ނުބަލައި ހުރިހާ ފަރާތެއްގެ މެދުގައި ހަމަހަމަކޮށް ޢަމަލުކުރަމުންދާ ކަމަށް ބުނެ މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބަޔާނެއް ނެރެފިއެވެ.
މީރާއިން މި ބަޔާން ނެރުނީ އިއްޔެ ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ގަވަރުނަރު އަހުމަދު މުނައްވަރު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ގަވަރުނަރު ވިދާޅުވީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ހޯދުމަކީ މީރާގެ ޒިންމާއެއް ކަމަށް ވީ ނަމަވެސް އެ ޓެކްސް ނުދައްކާ ރިސޯޓުތައް ގިނަ ކަމަށެވެ.
މީރާގެ ބަޔާނުގައި ބުނެފައިވަނީ ޤާނޫނު ހަމަހަމަކޮށް ތަންފީޒުކުރުމަކީ ފެށުނީއްސުރެ ޢަމަލުކުރަމުން އަންނަ އުސޫލު ކަމަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން ހިސާބުކުރާ ގޮތް ޤާނޫނާ އެއްގޮތްތޯ ބެލުމާއި ޓެކުހުގެ ޒިންމާ ފުރިހަމައަށް އަދާކުރާކަން ޔަގީންކުރުމަކީ ޤާނޫނީ ގޮތުން އެ އޮތޯރިޓީއަށް ލާޒިމުވާ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އޮޑިޓް ކުރާނެ ފަރާތްތައް ކަނޑައެޅުމުގައި ބޭނުންކުރަނީ ރިސްކް ބޭސްޑް ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއް ކަމަށާއި، ޓޫރިޒަމް ދާއިރާއާއި އެ ނޫން ދާއިރާތައް ވެސް ހަމަހަމަ އުސޫލުން އޮޑިޓް ކުރަމުންދާ ކަމަށް މީރާއިން ބުނެފައިވެއެވެ. ދައުލަތުގެ އާމްދަނީގެ ބޮޑު އިންސައްތައެއް ޓޫރިޒަމް ދާއިރާއިން ލިބޭކަން ވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
މީރާއިން އިތުރަށް ބުނީ ކުދި ވިޔަފާރިތަކަށް ހިސާބު ބެލެހެއްޓުމާއި ބަޔާން ހުށަހެޅުމުގެ ލުއިތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. ވިޔަފާރިތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީގެން ކޮމްޕްލަޔަންސް އިތުރުކުރުމަށް މީރާގެ މަސައްކަތް ބައްޓަންކޮށްފައި ވީ ނަމަވެސް، ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް