އޮޓޮމެޓިކް ޕާކިން ސިސްޓަމްތަކަށް ހޭދަކުރި 59.9 މިލިއަން ރުފިޔާއިން ދައުލަތަށް ގެއްލުން ވި: އޮޑިޓް
މާލެ އާއި ހުޅުމާލޭގައި 20 އޮޓޮމެޓިކް ޕާކިން ސިސްޓަމް ބެހެއްޓުމަށް ދައުލަތުގެ ބައިތުލްމާލުން 59.35 މިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް އެ މަޝްރޫޢުން ރައްޔިތުންނަށް ފައިދާއެއް ނުލިބި ދައުލަތަށް ގެއްލުން ލިބިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ޕާކިން ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތް 2016 ވަނަ އަހަރު އެންމެ ފުރަތަމަ ހަވާލުކުރީ 59.9 މިލިއަން ރުފިޔާގެ އަގަކަށް އެސްޓީއޯ އާއެވެ. އެހެން ނަމަވެސް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ބުނެ، 2018 ވަނަ އަހަރުގެ ޖޫން 26 ވަނަ ދުވަހު އެސްޓީއޯ އާ އެކު ވީ އެއްބަސްވުން ބާތިލުކޮށްފައިވެއެވެ.
އެއަށް ފަހު ނުނިމި ހުރި 14 ޕާކިން ސިސްޓަމް ބެހެއްޓުމަށް 14.48 މިލިއަން ރުފިޔާގެ އަގަކަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށް، މަސައްކަތުގެ އަގުގެ ގޮތުގައި 6.2 މިލިއަން ރުފިޔާ ދޫކޮށްފައިވީ ނަމަވެސް، އެ ކުންފުނިން މަސައްކަތް ނިންމާފައިވާ ކަން ކަށަވަރުކުރެވެން ނެތް ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން 1.45 މިލިއަން ރުފިޔާ އަނބުރާ ނުލިބިވާ ކަން ވެސް ރިޕޯޓުގައި ވެއެވެ.
މި މަޝްރޫޢުއަށް 59.9 މިލިއަން ރުފިޔާ ޚަރަދުކުރި އިރު އެއްވެސް މަންފާއެއް ލިބިފައި ނުވާތީ، މިއީ ދައުލަތުގެ ފައިސާއަށް އިހުމާލުވުން ކަމުގައި ބެލެވޭ ކަމަށާއި، މައްސަލަ ބަލައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ. އޮޑިޓަރ ޖެނެރަލް ވަނީ މިނިސްޓަރު ކަނޑައަޅުއްވާފައިވާ އިންތިޒާމުގެ ތެރެއިން މި މައްސަލަ ބެލުމަށް ވެސް އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް