ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައެޅުމުން މެންބަރު ޝަމްހީދުގެ ގޮނޑި ގެއްލިދާނެ
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 281,474.28 އެމެރިކާ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 281,474.28 އެމެރިކާ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ.
އެމްއައިބީން ދޫކުރި ފަސް ލައްކަ ޑޮލަރުގެ ފެސިލިޓީއެއްގެ ފައިސާ ނުދެއްކުމުގެ މައްސަލައިގައި ދެ ކުންފުންޏަކާއި ޒިންމާވާ އަމިއްލަ ފަރުދުންގެ މައްޗަށް ބޭންކުން ދައުވާ ކުރި އިރު، ޝަމްހީދު ހިމެނިވަޑައިގަންނަވަނީ އެ ފަރާތްތަކުގެ ތެރޭގައެވެ. ކޯޓުން ކަނޑައެޅީ ނުދައްކައި އޮތް 244,826.52 ޑޮލަރާއި ޗާޖަސްގެ ގޮތުގައި އެރި 36,647.76 ޑޮލަރު — ޖުމްލަ ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ — ކަނޑައެޅި މުއްދަތުގެ ތެރޭގައި ބޭންކަށް ދައްކައި ޚަލާޞްކުރުމަށެވެ. މިއީ ޒިންމާ އުފުލަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ވެސް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.
މި ޙުކުމާ ގުޅިގެން ޝަމްހީދުގެ މެންބަރުކަމުގެ ޝަރުތާ މެދު ސުވާލު އުފެދެއެވެ. ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ގައިވާ ގޮތުން، ސާބިތު ދަރަންޏެއް އޮތް މެންބަރަކު ކޯޓު ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާ ނުކުރާ ނަމަ މެންބަރުކަމުން ވަކިވާނެއެވެ. ޝަމްހީދު ކަނޑައެޅި މުއްދަތުގައި ފައިސާ ނުދައްކަވައިފި ނަމަ ގޮނޑި ގެއްލުމުގެ ފުރުޞަތު ބޮޑެވެ. މި ޙުކުމް އައި އިރު ޝަމްހީދު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.
މި 20 ވަނަ މަޖިލީހުގައި ވެސް ދަރަންޏެއް އަދާނުކޮށް ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާންގެ ގޮނޑި މިދިޔަ އެޕްރީލް މަހު ސުޕްރީމް ކޯޓުގެ ޙުކުމަކުން ގެއްލިފައިވެއެވެ. ސިނާންގެ ގޮނޑި ގެއްލުނީ އެމްއައިބީން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނެއް ޙުކުމާ އެއްގޮތަށް ގަވާއިދުން ދެއްކެވި ކަމަށް ސާބިތުނުވެގެންނެވެ. އެ ދާއިރާއަށް ފަހުން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް