ހަކަތައިގެ ދާއިރާއަށް އިންވެސްޓްމަންޓާއި އެހީ ހޯދުމަށް ކޮޕް 31 ގައި ރައީސް ގޮވާލައްވައިފި
ތުރުކީގެ އަންތާލިއާގައި ކުރިއަށްދާ ކޮޕް 31 ސަމިޓުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ޤާއިމުކުރުމަށާއި ހަކަތަ ރައްކާކުރެވޭ ވަސީލަތްތައް ބިނާކުރުމަށް ރާއްޖެއަށް ބައިނަލްއަޤުވާމީ އިންވެސްޓްމަންޓާއި އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެއެވެ.
ތުރުކީގެ އަންތާލިއާގައި ކުރިއަށްދާ ކޮޕް 31 ސަމިޓުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ޤާއިމުކުރުމަށާއި ހަކަތަ ރައްކާކުރެވޭ ވަސީލަތްތައް ބިނާކުރުމަށް ރާއްޖެއަށް ބައިނަލްއަޤުވާމީ އިންވެސްޓްމަންޓާއި އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ބޭރުން އެތެރެކުރާ ތެލަށް ބޮޑަށް ބަރޯސާވާ ޤައުމަކަށް ވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދެއްވާ އެއް އަމާޒު ކަމަށެވެ. ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިޤުތިޞާދު ހިމާޔަތްކުރުމާ އެކު ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
2023 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ކަނޑައެޅި ލަނޑުދަނޑި ހާސިލުކުރުމަށް ރަށްރަށުގައި ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ރަށްތައް ޖިއޮގްރަފީ ގޮތުން ވަކިވަކިން އުފެދިފައިވުމުގެ ސަބަބުން، ހަކަތައިގެ އުމްރާނީ ވަސީލަތްތައް ޤާއިމުކޮށް ބެލެހެއްޓުމަށް ދާ ޚަރަދު ބޮޑެތި ޤައުމުތަކާ އަޅައިބަލާއިރު އެތައް ގުނައެއް ބޮޑުކަން ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކާ ކުރިމަތިލުމަށް 2024 އިން 2033 އަށް ހަކަތައިގެ ދާއިރާއަށް ޚާއްޞަ ރޯޑްމެޕެއް އެކުލަވައިލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ސިފަކުރެއްވީ އެއީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދެމެހެއްޓެނިވި އަދި ޚަރަދު ކުޑަ އިއާދަކުރަނިވި ނިޒާމަކަށް ރާއްޖެ ބަދަލުކުރެވޭނެ ފުރިހަމަ އޮނިގަނޑެއްގެ ގޮތުގައެވެ. އެހެންކަމުން ލުއި ފައިނޭންސިން ފުރުޞަތުތަކާއި، ޒަމާނީ ޓެކްނޮލޮޖީ އަދި ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް އިންވެސްޓްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ރައީސް ގޮވައިލެއްވިއެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ހަކަތައިގެ ދާއިރާއަށް ގެންނަ ބަދަލުތަކުގެ ކާމިޔާބީ ވަޒަންކުރެވޭނީ ހަމައެކަނި ކަނޑައަޅާ އުންމީދުތަކުން ނޫން ކަމަށާއި، ޢަމަލީ ގޮތުން ތަންފީޒުކުރެވޭ މިންވަރެއްގެ މައްޗަށް ކަމަށެވެ. ސާފު ހަކަތައިގެ މުސްތަޤުބަލެއް ބިނާކުރުމުގައި ބައިނަލްއަޤުވާމީ ބައިވެރިންނާ ގާތުން މަސައްކަތްކުރުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް