ހޮރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަކަށް ނުދާނެ - ޤާލީބާފް
އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް، ހޮރްމުޒް ކަނޑުއޮޅި ހަނގުރާމައިގެ ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ނުދާނެ ކަމަށް ވިދާޅުވެ، އެމެރިކާއާ އެކު ޞުލްޙައިގެ ވާހަކަތަކަށް ހަތް ޝަރުތެއް ހުށަހަޅާފައިވާ ކަމަށް ހާމަކުރައްވައިފިއެވެ.
އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް، ހޮރްމުޒް ކަނޑުއޮޅި ހަނގުރާމައިގެ ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ނުދާނެ ކަމަށް ވިދާޅުވެ، އެމެރިކާއާ އެކު ޞުލްޙައިގެ ވާހަކަތަކަށް ހަތް ޝަރުތެއް ހުށަހަޅާފައިވާ ކަމަށް ހާމަކުރައްވައިފިއެވެ.
އަލް ޖަޒީރާއަށް ބުދަ ދުވަހު ދެއްވި އިންޓަވިއުގައި ޤާލީބާފް ވިދާޅުވީ، ވޭތުވެދިޔަ އަށް މަސް ދުވަހުގެ ހަނގުރާމަ ނިންމުމަށް އީރާނުން ހުށަހެޅި ހަތް ނުކުތާގެ ޕްލޭނުގެ ދަށުން، ހޮރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އީރާނާއި އޮމާނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެ ކަނޑުއޮޅީގައި "ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދެއް" ނޯންނާނެ ކަމަށާއި، 1982 ގެ އދ. ގެ ކަނޑުތަކާ ބެހޭ މުއާހަދާ އެ ތަނަށް ނުހިނގާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެ ކަނޑުއޮޅީގެ ކަންކަން ބެލެހެއްޓޭނީ އިންވެގެންވާ ދެ ޤައުމުގެ ޤާނޫނުތަކުގެ ދަށުން ކަމަށް ޤާލީބާފް ވިދާޅުވިއެވެ.
ޤަޠަރު މެދުވެރިވެގެން އީރާނުން އެމެރިކާއަށް ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ކަނޑުމަގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެހެނިހެން ފިޔަވަޅުތައް އުވައިލުމާއި، ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމާއި، ހުރިހާ ދިމާއަކުން ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އިތުރުން ހަނގުރާމަ ނިމުނުކަން ރަސްމީކޮށް އިޢުލާނުކުރުން ހިމެނެއެވެ. މި ކަންކަމަކީ ޖޫން މަހު އިސްލާމްއާބާދުގައި ސޮއިކުރެވުނު ފަހުމުނާމާގައި ވެސް ހިމެނޭ ކަންކަން ކަމަށް ޤާލީބާފް ވިދާޅުވިއެވެ. މިހާރު އޮތީ އެމެރިކާގެ ރަސްމީ ޖަވާބަކަށް އިންތިޒާރުކުރުން ކަމަށާއި "ބޯޅަ އޮތީ އެމެރިކާގެ ކޯޓުގައި" ކަމަށް ވިދާޅުވިއެވެ. އެއްބަސްވުމަކަށް ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއަށް އިތުބާރު ނެތުން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
އެމެރިކާގެ އޮފިޝަލުން މޮސްކޯއަށް ކުރި ދަތުރެއްގައި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މެދުވެރިކޮށް އީރާނާ ސީދާ ވާހަކަ ދެއްކުމަށް އެދިފައިވާ ކަމަށް ވެސް ޤާލީބާފް ވިދާޅުވިއެވެ. އީރާނަށް އައު ހަމަލާތަކެއް ދީފިނަމަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިތުރު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އަންނަ ޖެނުއަރީ މަހު މަޤާމާ ހަވާލުވާ އައު ކޮންގްރެސްގެ ފަރާތުން ސިޔާސީ ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޭނާ އިންޒާރު ދެއްވިއެވެ.
އީރާނުން ބޭނުންވަނީ "ހަނގުރާމައެއްވެސް ނެތް އަދި ޞުލްޙައެއްވެސް ނެތް" ހާލަތުން އަރައިގަންނަން ކަމަށާއި، އެ ކަމަށްޓަކައި އަސްކަރީ ޤާބިލުކަން ހިމެނޭ ގޮތަށް ދެމެހެއްޓެނިވި ދިފާޢީ ބާރެއް ބިނާކުރަންޖެހޭ ކަމަށް ޤާލީބާފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް