ކެފޭއެއްގައި ބަޔަކު ގަދަކަމުން ހިފަހައްޓައި ބިރުދެއްކި މީހެއްގެ ބަންދަށް 20 ދުވަސް
ކެފޭއެއްގެ ތެރޭގައި ބަޔަކު ތިން ގަޑިއިރު ވަންދެން ގަދަކަމުން ހިފަހައްޓައި މާރާމާރީ ހިންގައި ބިރުދެއްކި މައްސަލައެއްގައި 19 އަހަރުގެ ޒުވާނަކު 20 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކެފޭއެއްގެ ތެރޭގައި ބަޔަކު ތިން ގަޑިއިރު ވަންދެން ގަދަކަމުން ހިފަހައްޓައި މާރާމާރީ ހިންގައި ބިރުދެއްކި މައްސަލައެއްގައި 19 އަހަރުގެ ޒުވާނަކު 20 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ބަންދުކޮށްފައިވަނީ ގއ. މާމެންދޫއަށް ނިސްބަތްވާ އިފްހާމް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާގެ މައްޗަށް ތުހުމަތުކުރަނީ މާރާމާރީ ހިންގުމުގެ ކުށާއި، ބިރުދެއްކުމުގެ ކުށާއި، ޖިނާއީ މަޖުބޫރުކުރުވުމުގެ ކުށާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށެވެ.
ތަޙުޤީޤު އޮފިސަރު ކޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، އިފްހާމް ވަނީ އަނިޔާ ލިބުނު ފަރާތްތައް ކެފޭ ތެރޭގައި ތިން ގަޑިއިރެއްހާ އިރު ވަންދެން ގަދަކަމުން ހިފަހައްޓައިފައެވެ. އެ މީހުންގެ ފޯނު ނުދީފި ނަމަ ބިއްލޫރި ފުޅިއަކުން ޖަހާނެ ކަމަށް ބުނެ ބިރުދައްކައި، އެ މީހުންގެ ޤަދަރާއި ޢަބުރަށް އުނިކަން ލިބޭ ގޮތަށް ވީޑިއޯ ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިފްހާމްގެ ވަކީލު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްދިނުމަށް އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ އާދަމް ނިންމެވީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުން ލާޒިމު ކަމަށެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި، ތުހުމަތު ބިނާކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވެއެވެ. އޭގެ ތެރޭގައި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ހެކިންގެ ބަޔާންތަކާއި، މެޑިކޯ ލީގަލް ރިޕޯޓާއި، ފޮޓޯ ރިޕޯޓާއި، ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް