ނާޞިރު މެޑިކަލް ކޮމްޕްލެކްސްއަށް ވައިގެ ހަމަލާ - ޣައްޒާގެ އެކި ސަރަޙައްދުތަކުން ނުވަ މީހުން ޝަހީދުކޮށްލައިފި
އިސްތިއުމާރީ އިޒްރޭލުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ފަލަޞްޠީނުގެ ނުވަ މީހަކު ޝަހީދުކޮށްލައިފިއެވެ.
އިސްތިއުމާރީ އިޒްރޭލުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ފަލަޞްޠީނުގެ ނުވަ މީހަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބަޞަލް ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހުގެ ފަތިހު ދެކުނު ޚާން ޔޫނިސްގެ ހުޅަނގުގައި ހުންނަ ނާޞިރު މެޑިކަލް ކޮމްޕްލެކްސްއަށް އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާގައި ހަތަރު މީހަކު ޝަހީދުވެފައިވެއެވެ. ބުދަ ދުވަހު ޣައްޒާ ސިޓީގެ ދެކުނުގައިވާ އަލްޞަބްރާ އަވަށަށް ދިން ހަމަލާއެއްގައި އުމުރުން 38 އަހަރުގެ މުޙައްމަދު ސާލިމް އަލްދާޢިޝް ވެސް ވަނީ ޝަހީދުވެފައެވެ.
މެދުތެރޭ ޣައްޒާގެ އަލްބުރައިޖް ކޭމްޕުގެ އިރުމަތީ ފަރާތުން އިޒްރޭލު ސިފައިން ބަޑިޖަހައި އިތުރު މީހަކު ޝަހީދުކޮށްލާފައިވާއިރު، ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައިވާ އަލްނަޞްރު އަވަށަށް ޑްރޯން ހަމަލާއެއް ދީ ވެސް މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ އިތުރުން ޣައްޒާ ސިޓީގެ އުތުރުގައި އޮންނަ ޝެއިޚް ރަޟްވާން އަވަށުގައި ޙާލުގައި ޖެހިފައިވާ މީހުން ދިރިއުޅެމުންދިޔަ ޓެންޓަކަށް ދިން ހަމަލާގައި ދެ މީހަކު ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވެއެވެ.
ފެން ތާންގީއަކަށް ފެން އަޅަން ހުރި މީހަކަށް ޑްރޯން ހަމަލާ ދީ ޝަހީދުކޮށްލާފައިވާ ކަމަށާއި، އަލްޖަލާ މަގުގައި ހުރި ޓެންޓެއްގެ ތެރޭގައި ތިބި އަލްޢަބްސީ ޢާއިލާގެ ދެބެއިން ވެސް ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. "މިހާރު ޣައްޒާގެ އެއްވެސް ތަނަކީ ރައްކާތެރި ތަނެއް ނޫނެވެ."
މި ހަމަލާތައް ކުރިއަށްދާ ދަނޑިވަޅުގައި ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި ފާއިތުވި ބަންދު ދުވަސްވަރު ވެހުނު ބޯ ވާރޭގެ ސަބަބުން 70،000 ޓެންޓުގައި ފެންބޮޑުވެފައިވެއެވެ. ޔުނިސެފުން ބުނާ ގޮތުގައި 106،000 އަށްވުރެ ގިނަ މީހުންނަށް ސީދާ ގޮތުން އެ ވިއްސާރައިގެ އަސަރު ކޮށް، ފާޚާނާތައް ފުރިގެން ބޭރުވުމުގެ ސަބަބުން ބޮޑެތި ތަކުލީފުތައް ކުރިމަތިވެފައިވެއެވެ. ޒަރޫރީ އެހީ ވެއްދުމަށް އިޒްރޭލުން ހުރަސް އަޅަމުންދާތީ، ޖަމްޢިއްޔާތަކަށް އެކަށީގެންވާ ޙައްލެއް ހޯދައިދެވޭ ގޮތް ވެފައި ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އދ. ގެ ތަރުޖަމާނުގެ ނައިބު ފަރްޙާން ޙައްޤު ވިދާޅުވީ ޓެންޓުތައް އެތެރެކުރުމަށް އިޒްރޭލުގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާއި އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށެވެ. އދ. ގެ އިންސާނީ އެހީއާ ބެހޭ އިސްވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ ފިނިމޫސުމުގެ ސާމާނު ފޮނުވޭނީ އިޒްރޭލުގެ އައު ސަރުކާރެއް އެކުލަވާލުމުން ކަމަށް ބައެއް ޤައުމުތަކުން ބުނަމުންދާ ކަމަށާއި، "މިއީ ބަލައިގަނެވޭނެ އުޒުރެއް ނޫން" ކަމަށެވެ. އިޓަލީގެ ޚާރިޖީ މިނިސްޓަރު އެންޓޯނިއޯ ތަޔާނީ ވަނީ ޣައްޒާއަށް ވަގުތުން އެހީ ފޯރުކޮށްދިނުމަށް 5 މިލިއަން ޔޫރޯ (5.5 މިލިއަން ޑޮލަރު) ގެ ކުއްލި އެހީގެ ޕްރޮގްރާމެއް އިޢުލާނުކޮށްފައެވެ.
ޞިއްޙީ މަޞްދަރުތަކާ ހަވާލާދީ ފަލަޞްޠީނުގެ ވަފާ ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު ހަތެއް އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދުވި މީހުންގެ ޢަދަދު 74,653 އަށް އަރާފައިވެއެވެ. އެ ތިން އަހަރުގެ ތެރޭގައި 176,007 މީހުން ޒަޚަމްވެފައިވާއިރު، 2025 ވަނަ އަހަރުގެ އޮކްޓޫބަރު 11 ގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް 1,622 މީހުން ޝަހީދުކޮށް 5,878 މީހުން ޒަޚަމްކޮށްލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް