ރާއްޖޭގެ މިނިވަންކަމާއި ޤައުމީ ކަރާމާތް ދެމެހެއްޓުމަށް ތާއީދުކުރާނެ ކަމުގެ ޔަޤީންކަން ދީފި: ޗައިނާ ސަފީރު
ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ޙިމާޔަތްކުރުމުގައި ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ޙިމާޔަތްކުރުމުގައި ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ދެއްވައިފިއެވެ.
ސަފީރު މި ވާހަކަ ހިއްސާކުރެއްވީ، ޗައިނާގެ ޒަމާނީ ޖުމްހޫރީ ވެރިކަމުގެ ބާނީ ސަން ޔަޓް-ސެންގެ 160 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެއްކެވި ވާހަކަފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ސަފީރު ވިދާޅުވީ 1911 ވަނަ އަހަރު ސަން ޔަޓް-ސެން އިސްވެ ހުންނަވައިގެން ގެންނެވި އިންގިލާބަކީ ޗައިނާގައި އެތައް ހާސް އަހަރެއް ވަންދެން ދެމިއޮތް ވިރާސީ ރަސްކަން ނިމުމަކަށް ގެނެސް ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރުމަށް މަގުފަހިކޮށްދިން ތާރީޚީ ހާދިސާއެއް ކަމަށެވެ. ސަން ޔަޓް-ސެންގެ ޤައުމީ ލޯތްބާއި ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީއަކީ މިއަދު ވެސް ޗައިނާގެ ތާރީޚުގައި އަގުހުރި ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް އަލިއަޅުއްވައިލައްވަމުން ސަފީރު ވިދާޅުވީ ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ދިއުމަކީ ރާއްޖޭގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ މުހިންމު ވަގުތެއް ކަމަށެވެ. ޖުމްހޫރީ ދުވަހަކީ ޤައުމުގެ މާޒީއާއި މިނިވަންކަމާއި ސިޔާދަތާ މެދު ވިސްނައި މުސްތަޤުބަލަށް ކުރާ އުންމީދުތައް އާކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ޤައުމީ ހާލަތާ ގުޅޭ އަމިއްލަ ތަރައްޤީގެ މަގެއް ޚިޔާރުކޮށްގެން ކުރިއަށް ދިއުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ޗައިނާއިން ފުރިހަމައަށް ތާއީދުކުރައްވައެވެ. އެ މެސެޖު ނިންމަވައިލެއްވީ ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ފަރާތަށް ވެސް ފައިދާ ހުރި ގޮތެއްގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ޗައިނާ ތައްޔާރަށް އޮތް ކަން ހާމަކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް