ސީޕެކް 2.0 ގެ ދެވަނަ ފިޔަވައްސާ އެކު ޕާކިސްތާނާއި ޗައިނާ އޭއައި ދާއިރާއިން ގުޅުން ބަދަހިކޮށްފި
ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ގެ ދެވަނަ ފިޔަވަހީގައި ޑިޖިޓަލް ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާ މައިގަނޑު އަސާސެއްގެ ގޮތުގައި ހިމަނައި، ދެ ޤައުމުން ފުޅާ ދާއިރާއެއްގައި އެއްބާރުލުމުގެ މަސައްކަތް ފަށައިފިއެވެ.
ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ގެ ދެވަނަ ފިޔަވަހީގައި ޑިޖިޓަލް ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާ މައިގަނޑު އަސާސެއްގެ ގޮތުގައި ހިމަނައި، ދެ ޤައުމުން ފުޅާ ދާއިރާއެއްގައި އެއްބާރުލުމުގެ މަސައްކަތް ފަށައިފިއެވެ.
މި ބަދަލުގެ ބޭނުމަކީ ޕާކިސްތާނުގެ ދަނޑުވެރިކަމާއި ޞިއްޙީ ދާއިރާ ޒަމާނީކޮށް، ޢިލްމީ ދިރާސާތައް ފުޅާކޮށް، ޢިލްމުގެ މައްޗަށް ބިނާވެފައިވާ އިޤުތިޞާދެއް އެ ޤައުމުގައި ބިނާކުރުމެވެ. މި މަސައްކަތުގެ ތެރެއިން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މި އަހަރުގެ މެއި މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ އަލީބާބާ ގްރޫޕާ އެކު ހާއްސަ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވިއެވެ. އެ އެއްބަސްވުންތަކުގެ ދަށުން ޕާކިސްތާނުގެ 500،000 މީހުން ޑިޖިޓަލް ދާއިރާއިން ތަމްރީނުކުރުމަށާއި، އުރުދޫ ބަހާއި ސަރަޙައްދީ އެހެނިހެން ބަސްތަކަށް ޚާއްޞަ އޭއައި މޮޑެލްތައް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ "ޕާކިސްތާން ޕެވިލިއަން" މެދުވެރިކޮށް އެ ޤައުމުގެ ކުދި އަދި މެދު ފަންތީގެ 2،000 ވިޔަފާރިއެއް ބައިނަލްއަޤުވާމީ ބާޒާރާ ގުޅުވައިދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
ޞިއްޙީ ދާއިރާގައި، އަލީބާބާގެ ޑާމޯ އެކަޑަމީއާ ގުޅިގެން އޭއައި މެދުވެރިކޮށް ބަލިތައް ދެނެގަންނަ ނިޒާމުތައް ތަރައްޤީކުރުމާއި، އިސްލާމްއާބާދުގެ ކެޕިޓަލް ހޮސްޕިޓަލުގައި އޭއައި ރޭޑިއޮލޮޖީ ސްކްރީނިން ތަޢާރަފުކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. ދަނޑުވެރިކަމުގެ ރޮނގުން ޗައިނާގައި ހިންގި ޕްރޮގްރާމަކުން ޒަމާނީ ޑްރޯން އަދި އޭއައި ވަސީލަތްތަކަށް އަހުލުވެރި 885 ދަސްވެނިން ތަމްރީނު ފުރިހަމަކޮށް ޕާކިސްތާނަށް އެނބުރި ގޮސްފައިވެއެވެ.
ޑިޖިޓަލް ވަސީލަތްތައް ހަރުދަނާކުރުމުގެ ގޮތުން، ޗައިނާގެ ޝިންޖިއާންއިން ފެށިގެން ޕާކިސްތާނުގެ ހުންޖެރާބް ޕާސް ހުރަސްކޮށް އަޅާފައިވާ 820 ކިލޯމީޓަރުގެ ފައިބަރ އޮޕްޓިކް ކޭބަލް ބޭނުންކޮށް "ޑިޖިޓަލް ކޮރިޑޯ" އެއް ޤާއިމުކުރުމުގެ މަސައްކަތް ދެ ޤައުމު ގުޅިގެން ކުރިއަށް ގެންދެއެވެ. އޭގެ އިތުރުން ދެ ޤައުމުގެ 133 ޔުނިވާސިޓީ ހިމެނޭ ކޮންސޯޝިއަމެއް މެދުވެރިކޮށް ސައިބާ ސެކިއުރިޓީއާއި ސެމީކޮންޑަކްޓާ ފަދަ ދާއިރާތަކުން ދިރާސާތައް ފުޅާކުރުމަށް ވަނީ ރޭވިފައެވެ.
26 މެއި 2026 ގައި ދެ ޤައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި، ބައިނަލްއަޤުވާމީ ފެންވަރުގައި އޭއައި ބެލެހެއްޓުމުގެ ނިޒާމުތައް ހަރުދަނާކުރުމަށާއި، ދުނިޔޭގެ އާޓިފިޝަލް އިންޓެލިޖެންސް ކޯޕަރޭޝަން އޮގަނައިޒޭޝަން އުފެއްދުމަށް ޗައިނާއިން ކުރާ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް