މައިގަނޑު ބަޔަށް ދާން

ދީން

ނިޢުމަތްތައް ދެމިއޮތުން ބިނާވަނީ ޝުކުރުވެރިވުމުގެ މައްޗަށް: ހުކުރު ޚުޠުބާ

މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތައް ދެމެހެއްޓުމާއި ގެއްލިދިއުން ގުޅިފައި އޮތީ އެކަލާނގެއަށް ޝުކުރުކުރުމާ ކަމަށް ބުނެ، ޝުކުރުވެރިވުމުގެ މުހިންމުކަމަށް މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފިއެވެ.

ނިޢުމަތްތައް ދެމިއޮތުން ބިނާވަނީ ޝުކުރުވެރިވުމުގެ މައްޗަށް: ހުކުރު ޚުޠުބާ

މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތައް ދެމެހެއްޓުމާއި ގެއްލިދިއުން ގުޅިފައި އޮތީ އެކަލާނގެއަށް ޝުކުރުކުރުމާ ކަމަށް ބުނެ، ޝުކުރުވެރިވުމުގެ މުހިންމުކަމަށް މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފިއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، މާތް ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް ﷲ ރުހިވޮޑިގަންނަވާ މަގުން ބޭނުންކުރުމެވެ. އެއީ ﷲ ގެ ލޯތްބާއި ރުހުން ލިބިގެންދާ މަތިވެރި އަޅުކަމެއް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށް އިސްލާމް ދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ނިޢުމަތްތަކަށް ޝުކުރުކުރުން ކަމުގައި ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ޝުކުރުވެރިވުމަކީ މާތް ނަބީބޭކަލުންގެ ވެސް މަތިވެރި ސިފަފުޅެއްކަން ހާމަކޮށް، އިބްރާހީމް ޢަލައިހިއްސަލާމާއި ސުލައިމާން ޢަލައިހިއްސަލާމް އަދި މޫސާ ޢަލައިހިއްސަލާމް ފަދަ ބޭކަލުންގެ ޙަޔާތްޕުޅުން ޤުރުއާނުގައި އައިސްފައިވާ ޢިބުރަތްތެރި މިސާލުތަކަށް ޚުޠުބާގައި އަލިއަޅުވައިލާފައިވެއެވެ. އޭގެ އިތުރުން ކީރިތި ރަސޫލާ މުޙައްމަދު ﷺ، ޚަދީޖަތުގެފާނުގެ ހެޔޮފުޅުކަން ހަނދުމަފުޅު ކުރެއްވި ގޮތާއި މުޠުޢިމު ބުނު ޢަދިއްޔުގެ ޙިމާޔަތުގެ އަގު ވަޒަންކުރެއްވި ގޮތަށް ވެސް ޚުޠުބާގައި ބައްލަވާލެއްވިއެވެ.

ﷲ އަށް ޝުކުރުކުރުމުގެ އިތުރުން މީސްތަކުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުއަދާކުރުމުގެ މުހިންމުކަން ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. (لَا يَشْكُرُ اللهَ مَنْ لَا يَشْكُرُ النَّاسَ) މާނައީ: "މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ، މާތް ﷲއަށް ޝުކުރުވެރިއެއް ނުވެއެވެ." ހެޔޮކަމެއް ކޮށްދިން މީހާއަށް "ޖަޒާކަﷲ ޚައިރަން" ބުނެ ދުޢާކޮށްދިނުމަކީ ޝުކުރުގެ އެންމެ މަތީ ދަރަޖަ ކަމުގައި ޙަދީޘްފުޅުތަކުގެ އަލީގައި ފާހަގަކޮށްފައިވެއެވެ.

ދިރިއުޅުމުގައި ޝުކުރުވެރިކަން ދެމެހެއްޓުމަށްޓަކައި ދުންޔަވީ ކަންކަމުގައި ތިމާއަށް ވުރެ ދަށުގައިވާ މީހުންނަށް ބަލައި ﷲ ދެއްވި ނިޢުމަތްތަކުގެ މަތިވެރިކަން ވަޒަންކުރުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ. އިސްރާފުކުރުމާއި ބޮޑާވުމުން ދުރުހެލިވެ، ހިތާއި ދުލާއި ގުނަވަންތަކުން މާތް ﷲ އަށް ޝުކުރުވެރިވުމަށް ހުރިހާ މުސްލިމުންނަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.