އީ-ސިމް ބޭނުންކޮށްގެން ބޭންކް އެކައުންޓްތައް ފޭރޭ މައްސަލަ އިތުރުވެ ފުލުހުން އިންޒާރުދީފި
އޮޅުވާލައިގެން ވެރިފިކޭޝަން ކޯޑު ހޯދައި، ފޯނު ނަންބަރު އީ-ސިމަށް ބަދަލުކޮށް، ބޭންކް އެކައުންޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ފޭރެމުންދާ މައްސަލަ ގިނަވެ، ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
އޮޅުވާލައިގެން ވެރިފިކޭޝަން ކޯޑު ހޯދައި، ފޯނު ނަންބަރު އީ-ސިމަށް ބަދަލުކޮށް، ބޭންކް އެކައުންޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ފޭރެމުންދާ މައްސަލަ ގިނަވެ، ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ފާއިތުވި މަހެއްހާ ދުވަހު ހިންގި ތަޙުޤީޤުތަކުން ފެންނަ ގޮތުގައި މި ޖަރީމާ ހިންގާ ފަރާތްތައް ފޯނު ކޯލާއި ޓެކްސްޓް މެސެޖު މެދުވެރިކޮށް ވެރިފިކޭޝަން ކޯޑާއި ލިންކުތައް ހޯދައެވެ. އެންމެ ޢާންމު އެއް އުކުޅަކީ، ގުޅައި ވާހަކަ ދައްކާ މީހާ ބޭނުންކުރާ ނަންބަރަކީ ކުރިން ތިމާ ގެންގުޅުނު ނަންބަރެއް ކަމަށް ބުނެ ކޯޑު ހޯދުމެވެ. ރާއްޖެއިން ބޭރުގައި އުޅެފައި އައި މީހެއް ކަމަށާއި ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓެއް އަލުން ހޯދަން ބޭނުންވާ ކަމަށް ބުނެ ވެސް ކޯޑު ހޯދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޯޑު ލިބުމާ އެކު ކުށްވެރިން ނަންބަރު އީ-ސިމަށް ބަދަލުކޮށް، އެ ނަންބަރަށް އަންނަ ކޯލްތަކާއި ބޭންކިން އެސްއެމްއެސް އެލާޓުތައް އަތުލައެވެ. އެއަށް ފަހު ޞާޙިބާގެ ނަމުގައި ހުއްދަ ނެތި ޑިޖިޓަލް ވޮލެޓް ހަދައި، ބޭންކް އެކައުންޓްތަކަށް ވަދެ ފައިސާ ޓްރާންސްފާ ކޮށް ބޮޑެތި މާލީ ގެއްލުން ދެމުންދާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މިކަމުން ރައްކާތެރިވުމަށް ފުލުހުން އެދިފައި ވަނީ ކޮންމެ ސަބަބެއް ދެއްކި ނަމަވެސް އެއްވެސް ފަރާތަކާ އޯޓީޕީ، ޕިން ނުވަތަ ވެރިފިކޭޝަން ލިންކެއް ހިއްސާ ނުކުރުމަށާއި، ނޭނގޭ ނަންބަރުތަކުން ގުޅައި ކޯޑު ހޯދަން ކުރާ އާދޭހަށް ސަމާލުކަން ނުދިނުމަށެވެ. ސަބަބެއް ނެތި ކުއްލިއަކަށް ސިމް ކާޑުގެ ނެޓްވޯކް ސިގްނަލް ގެއްލިއްޖެ ނަމަ ލަސް ނުކޮށް ޓެލެކޮމް ޕްރޮވައިޑަރަށް ގުޅުމަށާއި، ޝައްކެއް ވާ ނަމަ 911 އަށް ރިޕޯޓުކޮށް ބޭންކާ ގުޅައިގެން އެކައުންޓް ފްރީޒް ކުރުމަށް ވެސް ފުލުހުން އެދިފައިވެއެވެ.
ފުލުހުން ބުނީ "މި ބާވަތުގެ އޮންލައިން ސްކޭމްތައް ހުއްޓުވޭނީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، މި މައުލޫމާތު ވީހާ ވެސް ގިނަ ބަޔަކާ ހިއްސާކޮށްގެން" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް