ނޫ އިޤްތިޞާދަށް ބޭނުންވާ އިންވެސްޓްމަންޓް ފައިނޭންސް ފޯރަމުން ފަހިވާނެ: ޔަޒްމީދު
މޯލްޑިވްސް ފައިނޭންސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރާއްޖޭގެ ކަނޑުގެ އިޤްތިޞާދު ކުރިއެރުވުމަށާއި މޫސުމީ ނުރައްކާތައް ކުޑަކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް މި ފޯރަމުން ހޯދުމުގެ މަގު ފަހިވާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޔަޒްމީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ފައިނޭންސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރާއްޖޭގެ ކަނޑުގެ އިޤްތިޞާދު ކުރިއެރުވުމަށާއި މޫސުމީ ނުރައްކާތައް ކުޑަކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް މި ފޯރަމުން ހޯދުމުގެ މަގު ފަހިވާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޔަޒްމީދު ވިދާޅުވެއްޖެއެވެ.
ޔަޒްމީދު ވިދާޅުވީ ރާއްޖެ ފަދަ ތިރި ޖަޒީރާ ޤައުމެއްގެ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ހަމަޖެހުމާ ދެމެދު ވަރަށް ބޮޑު ގުޅުމެއް އޮތް ކަމަށެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ލޮޅުންތަކުގެ އަސަރު އާއިލާތަކުގެ އާމްދަނީއަށާއި މުޅި އިޤްތިޞާދަށް ފޯރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މާލީ ދެމެހެއްޓެނިވިކަމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން އެކަތި އަނެކައްޗަށް ބާރުދޭނެ ފުރުސަތުތައް ދެނެގަތުން. މީގެ ސަބަބުން އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ އުމްރާނީ ވަސީލަތްތަކުގެ އިތުރުން ބްލޫ އިކޮނޮމީއަށް ބޭނުންވާ ރައުސުލްމާލު ހޯދުމުގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ"
ޕެންޝަން ފަންޑުގެ ނެޓް އެސެޓް މިހާރު 30 ބިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފައިވާ ކަން ފާހަގަކުރައްވައި ޔަޒްމީދު ވިދާޅުވީ، ކުރިއަށް އޮތް ޖީލުތަކުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ އޮފީހުގެ އެންމެ ބޮޑު ޒިންމާ ކަމަށެވެ. ތިމާވެއްޓާ ރައްޓެހި މަޝްރޫޢުތަކަށް އިންވެސްޓްކުރުމުގައި މާލީ ހަރުދަނާކަމާއި ހާމަކަން ބޮޑު މިންގަނޑުތަކެއް ގެންގުޅޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ހަރުދަނާ ގަވާއިދުތަކާއި ދެމެހެއްޓެނިވި ރިޕޯޓިންގ އުސޫލުތައް ކޮންމެހެން ބޭނުންވާ ކަމަށާއި، ހަމައެކަނި ސިޔާސަތުތަކަކުން ނުފުދޭނެ ކަމަށް ޔަޒްމީދު ވިދާޅުވިއެވެ. މިހާރު ހުރި ފުރުސަތުތައް ޢަމަލީ މަޝްރޫޢުތަކަކަށް ބަދަލުކުރުމަށް ސަރުކާރާއި މާލީ އިދާރާތައް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި ދައުލަތުގެ މުއައްސަސާތަކާއި ބޭންކުތަކުގެ އިތުރުން މާލީ ދާއިރާގެ ގިނަ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް