މައިގަނޑު ބަޔަށް ދާން

ހަބަރު

ރާއްޖޭގެ ވިލުންތެރިކަމަށް އިންފްރާސްޓްރަކްޗަރާއި އިއާދަކުރަނިވި ހަކަތައަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވޭ: ފިނޭންސް މިނިސްޓަރު

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން މިއަދު ފެށި މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ވިލުންތެރިކަން ވަރުގަދަކުރުމަށް އިންފްރާސްޓްރަކްޗަރާއި އިއާދަކުރަނިވި ހަކަތައާއި އަސާސީ ޚިދުމަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް އަދިވެސް ބޭނުންވާ ކަމަށް

ރާއްޖޭގެ ވިލުންތެރިކަމަށް އިންފްރާސްޓްރަކްޗަރާއި އިއާދަކުރަނިވި ހަކަތައަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވޭ: ފިނޭންސް މިނިސްޓަރު

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން މިއަދު ފެށި މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ވިލުންތެރިކަން ވަރުގަދަކުރުމަށް އިންފްރާސްޓްރަކްޗަރާއި އިއާދަކުރަނިވި ހަކަތައާއި އަސާސީ ޚިދުމަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް އަދިވެސް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލް ގުޅިފައި އޮތީ ތިމާވެށީގެ މުސްތަޤްބަލާ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތިމާވެށީގެ ކަންބޮޑުވުމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ އިޤްތިޞާދީ ރައްކާތެރިކަމާއި ތަރައްޤީގެ އުންމީދުތަކާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކަނޑުތަކާއި ގުދުރަތީ ވަސީލަތްތަކަކީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ މައިގަނޑު އަސާސް ކަމަށް ވާތީ، އެ ވަސީލަތްތައް ހިމާޔަތްކުރުމަކީ އިޤްތިޞާދީ އަދި މާލީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ޒަރީރު ފާހަގަކުރެއްވިއެވެ.

ކޮޕް31 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވި ތިން އިސްކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ މޫސުމީ މާލީ އެހީތެރިކަމާއި ބައިނަލްއަޤުވާމީ މާލީ ނިޒާމަށް ގެންނަންޖެހޭ އިޞްލާޙުތަކުގެ އިތުރުން ވައުދުތައް ޢަމަލީ ގޮތުން ތަންފީޛުކުރުން މުހިންމު ކަމަށެވެ. 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ތަޞައްވުރާ މިކަންކަން ސީދާ ގުޅިފައިވާ ކަމަށާއި، އެ ލަނޑުދަނޑި ޙާޞިލުކުރެވޭނީ އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރައެއް ނާންނާނެ ގޮތަށް މޫސުމީ ވިލުންތެރިކަން މާލީ އިސްތިރާޖުތަކުގެ ތެރޭގައި ހިމަނައިގެން ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ބަޖެޓާއި ބައިނަލްއަޤުވާމީ އެހީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ރައުސްމާލާއި ދިގު މުއްދަތުގެ އިންވެސްޓްމަންޓް ހޯދުމަށް ގްރީން ފައިނޭންސް ނުހަނު މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް އިސްކަންދޭ ކަމެއް ކަމަށާއި، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ފުއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށް ވަރުގަދަ ބައިވެރިވުންތަކާއި ބޮޑެތި އިންވެސްޓްމަންޓް ބޭނުންވާ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލު ހަރުދަނާކުރުމަށް ސަރުކާރުން ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕާއި ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އެސް.އީ.ޒެޑް) ގެ އޮނިގަނޑުގެ ދަށުން ހިންގާ ޕްރޮޖެކްޓް އައިލާ އާއި ރަސްމާލޭގެ މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓް ފަދަ ބޮޑެތި މަޝްރޫޢުތަކަކީ ބޭރުގެ އިންވެސްޓްމަންޓް ގެނައުމަށް ހުޅުވިފައިވާ ރަނގަޅު ފުރުޞަތުތަކެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ. ދެމެހެއްޓެނިވި މާލީ ނިޒާމެއް ބިނާކުރުމަށް މާލީ އިދާރާތަކާއި ވިޔަފާރިތަކުގެ ބައިވެރިވުން ބޭނުންވާ ކަމަށާއި، މި މަސައްކަތުގެ ނަތީޖާއަކަށް ވާންވާނީ ރައްޔިތުންގެ ދިރިއުޅުން އާރާސްތުވެ، މާލީ އަދި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުވެގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.