ހަކުރުބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދު 7،000 އަށް - މަރުވާ މީހުންގެ ތިންވަނައަށް އެންމެ ބޮޑު ސަބަބު
ރާއްޖޭގައި ހަކުރުބަލީގެ ފަރުވާ ހޯދާ މީހުންގެ ޢަދަދު 7،000 އަށް އަރާފައިވާ ކަމަށާއި، މީހުން މަރުވާން މެދުވެރިވާ ތިންވަނައަށް އެންމެ ނުރައްކާތެރި ބައްޔަކީ ހަކުރުބަލި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރާއްޖޭގައި ހަކުރުބަލީގެ ފަރުވާ ހޯދާ މީހުންގެ ޢަދަދު 7،000 އަށް އަރާފައިވާ ކަމަށާއި، މީހުން މަރުވާން މެދުވެރިވާ ތިންވަނައަށް އެންމެ ނުރައްކާތެރި ބައްޔަކީ ހަކުރުބަލި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގައި އަހަރެއްގެ ތެރޭގައި މަރުވާ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައެވެ. އެ ބަޔާނުގައި ގައިންގަޔަށް ނާރާ ބަލިތައް ސިފަކޮށްފައިވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައެވެ.
މިއަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ހޮސްޕިޓަލްތަކުން އެއްކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޓައިޕް 2 ޑައިބެޓީސްގެ 7،000 ބަލިމީހުންނާއި ޓައިޕް 1 ޑައިބެޓީސްގެ 300 ބަލިމީހުން ފަރުވާ ހޯދަމުންދެއެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ގޮސްގެން އަހަރަކު 250 އެއްހާ މީހުން ފަރުވާ ހޯދާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
ހަކުރުބައްޔަށް މަގުފަހިވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކޮށްފައިވަނީ ހެލިފެލިވެ އުޅުން މަދުވުމާއި، ބަރުދަން އިތުރުވުމާއި، ޢާއިލާގައި ހަކުރުބަލީގެ މީހުން ތިބުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމެވެ. ބަލިން ރައްކާތެރިވުމަށްޓަކައި މިންހެޔޮ ކާނާ އިޚުތިޔާރުކުރުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ދުންފަތާ ދުރުހެލިވުމާއި، ބަލީގެ ފުރުޞަތު ބޮޑު ފަރާތްތަކުން ދުރާލައި ޓެސްޓުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ" މި ޝިޢާރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް