ގޫގުލް މީޓް ބައްދަލުވުންތަކާ ގުޅެވޭ އޭއައި އެސިސްޓެންޓެއް އެންތްރޮޕިކުން ނެރެފި
އޭއައި ކުންފުނި އެންތްރޮޕިކުން، ވީޑިއޯ ކޯލްތަކުގައި އެ ކުންފުނީގެ ޗެޓްބޮޓް ކްލޯޑް ބައިވެރިކުރެވޭ ގޮތަށް "ކްލޯޑް މީޓިންގްސް" ގެ ނަމުގައި އައު ފީޗާއެއް ބީޓާ ވާޝަނެއްގެ ގޮތުގައި ތައާރަފުކޮށްފިއެވެ.
އޭއައި ކުންފުނި އެންތްރޮޕިކުން، ވީޑިއޯ ކޯލްތަކުގައި އެ ކުންފުނީގެ ޗެޓްބޮޓް ކްލޯޑް ބައިވެރިކުރެވޭ ގޮތަށް "ކްލޯޑް މީޓިންގްސް" ގެ ނަމުގައި އައު ފީޗާއެއް ބީޓާ ވާޝަނެއްގެ ގޮތުގައި ތައާރަފުކޮށްފިއެވެ.
މި ޚިދުމަތް އެންމެ ފުރަތަމަ ލިބޭނީ ގޫގުލް މީޓް ބޭނުންކުރާ ފަރާތްތަކަށް ކަމަށާއި، މިވަގުތު ޚިދުމަތް ބޭނުންކުރެވޭނީ ކްލޯޑް ޓީމް އަދި އެންޓަޕްރައިޒް ޕެކޭޖު ގެންގުޅޭ ފަރާތްތަކަށް އެކަނި ކަމަށް އެންތްރޮޕިކުން ބުނެފައިވެއެވެ. ކުރިއަށް އޮތްތަނުގައި އެހެން ވީޑިއޯ ކޮންފަރެންސިން ޕްލެޓްފޯމްތަކަށް ވެސް މި ޚިދުމަތް ފުޅާކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.
ކޯލެއްގެ ތެރެއަށް ކްލޯޑް ވެއްދުމުން، އެ އެސިސްޓެންޓް ފެންނާނީ ބައްދަލުވުމުގެ އާދައިގެ ބައިވެރިއެއްގެ ގޮތުގައެވެ. ބައްދަލުވުން ހިނގަމުންދާ ވަގުތު އަނގަބަހުން ނުވަތަ ޗެޓް މެދުވެރިކޮށް ކްލޯޑާ ސުވާލުކުރެވެއެވެ. އެއާއެކު، ދެކެވޭ ވާހަކަތަކަށް ބިނާކޮށް ލިޔެކިޔުންތަކާއި ވައިޓްބޯޑްތައް ވަގުތުން ތައްޔާރުކޮށް، އެހެން ބައިވެރިންނަށް އެ ލިޔުންތައް އެޑިޓްކުރުމުގެ ފުރުސަތު ވެސް ލިބެއެވެ. ބައްދަލުވުން ނިމުމުން ޓްރާންސްކްރިޕްޓާއި ޚުލާޞާ އަދި ކުރަންޖެހޭ މުހިންމު ކަންކަން ކްލޯޑް.އޭއައިގައި ރައްކާކުރެވެއެވެ.
މަޢުލޫމާތުގެ ރައްކާތެރިކަމުގެ ގޮތުން، ޑިފޯލްޓް ސެޓިންގައި ކުންފުނިން ބޭރުގެ ފަރާތްތައް ހިމެނޭ ބައްދަލުވުންތަކުގައި ކްލޯޑް ބައިވެރިނުވާނެއެވެ. ބައްދަލުވުން ކުރިއަށްދަނިކޮށް ބޭރުގެ މީހަކު ގުޅައިފި ނަމަ ކްލޯޑް އަމިއްލައަށް ކޯލުން ވަކިވެއެވެ. ކްލޯޑް ބައްދަލުވުމާ ގުޅޭ ވަގުތު ޗެޓް މެދުވެރިކޮށް އެކަން ހުރިހާ ބައިވެރިންނަށް އެންގެއެވެ. މި ފީޗާ އޯޑިއޯ ރެކޯޑް ނުކުރި ނަމަވެސް، ދެކެވޭ ވާހަކަ ލިޔުމަށް ބަދަލުކޮށް ސްކްރީނުގައި ޝެއާކުރާ ތަކެތި ސިފަކޮށްދޭތީ، އެހެން ބައިވެރިންގެ ހުއްދަ ހޯދުމަށް އެންތްރޮޕިކުން އިރުޝާދު ދެއެވެ.
ބީޓާ މަރުހަލާގައި ޓްރާންސްކްރިޕްޓާއި ނޯޓުތަކަށް އެއްވެސް އިތުރު އަގެއް ނުނަގާނެ ކަމަށް އެންތްރޮޕިކުން ބުނެފައިވެއެވެ. ބައްދަލުވުންތަކުގެ ތެރޭގައި ތައްޔާރުކުރާ ލިޔެކިޔުންތަކާއި ވައިޓްބޯޑްތައް 2027 ވަނަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހާ ހަމައަށް ހިލޭ ބޭނުންކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް