މައިގަނޑު ބަޔަށް ދާން

ހަބަރު

އިދިކޮޅުގެ އަމާޒަކީ ރާއްޖެ ސަލާންޖަހާ ޤައުމެއްގެ ގޮތުގައި ބޭއްވުން: ވަޒީރު ޝިޔާމް

ސިޔާސީ ވާދަވެރިން ބޭނުންވަނީ ދިވެހިރާއްޖެ އަބަދުވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކުރިމަތީގައި އެހީއަށް އެދި ސަލާންޖަހާ ނިކަމެތި ޤައުމެއްގެ ގޮތުގައި ބާއްވަން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ އަމާޒަކީ ރާއްޖެ ސަލާންޖަހާ ޤައުމެއްގެ ގޮތުގައި ބޭއްވުން: ވަޒީރު ޝިޔާމް

ސިޔާސީ ވާދަވެރިން ބޭނުންވަނީ ދިވެހިރާއްޖެ އަބަދުވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކުރިމަތީގައި އެހީއަށް އެދި ސަލާންޖަހާ ނިކަމެތި ޤައުމެއްގެ ގޮތުގައި ބާއްވަން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ ޤައުމީ ކޮންމެ ކަމެއްގައި ވެސް އެންމެ ކުރީ ސަފުގައި ދެމިހުންނަވާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ޙަޤީޤަތް އޮޅުވައިލައިގެން 2028 ގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ފަށާފައިވާ ކަމަށާއި، ޒިންމާދާރު ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންވީ ގޮތް އެއީ ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވައި ވަޒީރު ވިދާޅުވީ، ފަސް އަހަރުގެ ދައުރެއްގައި އިސްލާމީ އުސޫލުތަކަށް އެންމެ ބޮޑު އިސްކަމެއް ދެއްވައި ޤައުމީވަންތަކަން އެންމެ ބޮޑަށް ކުރިއެރުއްވާ ވެރިޔާއީ ރައީސް ޑރ. މުޢިއްޒު ކަމަށެވެ. ހަމައެއާ އެކު، ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިސްތިޢުމާރީ އިޒްރޭލުގެ ޒަޔަނިސްޓުން ހިންގާ ޖަރީމާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެ ވަރުގަދައަށް ވަކާލާތުކުރައްވާ ލީޑަރަކީ ވެސް ރައީސް ކަމަށް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅުން ހުރި މުހިންމު ކަންކަން ރައްޔިތުންނަށާއި މަޖިލީހަށް ސިއްރުކޮށްގެން ހިންގި ކަމަށް ވިދާޅުވެ، މިހާރު ދީނާއި ޤައުމުގެ ދިފާޢުގައި އެ ފަރާތްތައް ވާހަކަދެއްކި ނަމަވެސް އެ ބައެއްގެ ސިޔާސީ މަޤުޞަދުތައް ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހީންގެ މާތްވެގެންވާ އިސްލާމްދީނާއި، ސިޔާދަތާއި މިނިވަންކަމަށް ކުޑަވެސް އުނިކަމެއް އަޔަނުދީ، އެ ޙައްޤުތައް ޙިމާޔަތްކޮށް ދަމަހައްޓާނީ އަޅުގަނޑުމެން،" ވަޒީރު ވިދާޅުވިއެވެ.

މާލީ ޙާލަތާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުތަކުން އުފައްދާފައިވާ ބޮޑެތި ސިޔާދަތީ ދަރަނީގެ ތެރެއިން 1.9 ބިލިއަން އެމެރިކާ ޑޮލަރު މި ސަރުކާރުން ދައްކައި ނިންމާފައިވާ ކަމަށެވެ. ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ މާލީ ރޭޓިން ރަނގަޅުކޮށްފައިވާ ކަމަށާއި، އެއާ ގުޅިގެން ބިލިއަން ޑޮލަރުގެ ބޮޑެތި ބޭރުގެ އިންވެސްޓްމެންޓުތައް ލިބެން ފެށި ނަމަވެސް، ދީނާއި ޤައުމީ ސަގާފަތާއި ޤާނޫނުއަސާސީގެ ޙުރުމަތް ކެނޑޭ ގޮތަށް ޢަމަލުކުރާ އެއްވެސް ފަރާތަކަށް ފުރުޞަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ދާ އިރު ރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އީގަލް ހިލްސް ކުންފުނިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ "ރަސްމާލެ" މަޝްރޫޢަކީ ދިވެހި ތާރީޚުގައި ވެސް ހިންގާނެ އެންމެ ބިޔަ މަޝްރޫޢު ކަމަށާއި، އެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދީ އޮނިގަނޑު މުޅިން އައު ހަރުފަތަކަށް ގެންގޮސްދީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.