މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ރޮނާލްޑޯގެ ޒިންމާ ރަމްޒުކޮށްދޭ ޚާއްޞަ ޑިޒައިނެއް ޕޯޗުގަލްގެ 7 ނަންބަރު ޖާޒީއަށް

ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔާކުރި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޝަރަފުގައި ޕޯޗުގަލްގެ ޤައުމީ ޓީމުގެ 7 ނަންބަރު ޖާޒީގެ ނަންބަރު ލިޔާ ގޮތް ބަދަލުކޮށްފިއެވެ.

ރޮނާލްޑޯގެ ޒިންމާ ރަމްޒުކޮށްދޭ ޚާއްޞަ ޑިޒައިނެއް ޕޯޗުގަލްގެ 7 ނަންބަރު ޖާޒީއަށް

ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔާކުރި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޝަރަފުގައި ޕޯޗުގަލްގެ ޤައުމީ ޓީމުގެ 7 ނަންބަރު ޖާޒީގެ ނަންބަރު ލިޔާ ގޮތް ބަދަލުކޮށްފިއެވެ.

ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މީސްމީޑިއާގައި ހާމަކުރި ގޮތުގައި އާ ޑިޒައިނުގައި 7 ނަންބަރުގެ މެދުން ހުރަސް ރޮނގެއް ދަމާފައިވެއެވެ. މިއީ ޔޫރަޕްގެ ޤައުމުތަކުގައި ޢާންމުކޮށް ހަތެއް ލިޔާ ސްޓައިލެވެ. ފެޑެރޭޝަނުން ބުނީ ރޮނާލްޑޯއަށް ފަހު އެ ނަންބަރު ޖާޒީ ލާ ކޮންމެ ކުޅުންތެރިއަކުވެސް، އޭނާ ދޫކޮށްދިޔަ ބޮޑު ޒިންމާ އުފުލަން ޖެހޭނެކަން މި ބަދަލުން ރަމްޒުކޮށްދޭ ކަމަށެވެ.

"ދުވަހަކުވެސް ފަނޑުވުމެއްނެތި ދެމިއޮންނާނެ އެއް ނަންބަރަކީ 7 ނަންބަރު" ކަމަށް ފެޑެރޭޝަނުގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އެސްޓާޑިއޯ ބްރާގާގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި، އާ ސްޓައިލްގެ 7 ނަންބަރު ޖާޒީ ފުރަތަމަ ފަހަރަށް ލީ ބެލްޖިއަމްގެ ކްލަބް ބްރޫޖަށް ކުޅޭ 22 އަހަރުގެ ވިންގަރ ކާލޮސް ފޯބްސްއެވެ. ޕޯޗުގަލް ޓީމު އެ މެޗަށް ނިކުތީ ރޮނާލްޑޯގެ ޝަރަފުގައި ޚާއްޞަ ޖާޒީތަކެއް ލައިގެންނެވެ.

ޢުމުރުން 41 އަހަރުގެ ރޮނާލްޑޯ ޤައުމީ ޓީމަށް ކުޅުން ހުއްޓައިލިކަން އިޢުލާންކުރީ މި ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. ކޯޗު ޖޯޖް ޖީސަސް އޭނާ ބެންޗުގައި ބޭންދުމަށް ފަހު، ދެން އޮތް މެޗުގައިވެސް ފުރަތަމަ އެގާރައިގައި ނުހިމަނާނެކަން އެންގުމުން ރޮނާލްޑޯ ކޭމްޕު ދޫކޮށް ދިޔައީއެވެ. ފަހުން ޖީސަސް ބުނީ ރޮނާލްޑޯ އެނބުރި އަންނަން ބޭނުންނަމަ އެ ފުރުޞަތު އަދިވެސް އޮތް ކަމަށެވެ.

ރޮނާލްޑޯގެ ފަހު ބައިނަލްއަޤުވާމީ މެޗަކީ ސެޕްޓެމްބަރު 24 ގައި ވޭލްސް 1-0 އިން ބަލިކުރި މެޗެވެ. 2003 އިން 2026 އަށް ދެމިގެންދިޔަ ޤައުމީ ކެރިއަރުގައި ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި 234 މެޗު ކުޅެ، އެއްވެސް ކުޅުންތެރިއަކު ޤައުމީ ޓީމެއްގައި ނުޖެހޭ މިންވަރަށް 146 ލަނޑު ޖެހިއެވެ. ހަ ވޯލްޑް ކަޕްގައި ވާދަކޮށް ކޮންމެ މުބާރާތެއްގައި ލަނޑު ޖެހި ހަމައެކަނި ފިރިހެން ކުޅުންތެރިޔާގެ ޝަރަފުގެ އިތުރުން 2016 ވަނަ އަހަރުގެ ޔޫރޯ ތަށި ޕޯޗުގަލްއާ އެކު އުފުލައިލީ ވެސް ރޮނާލްޑޯއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.