އޭއައި ބޭނުންކޮށް ލޯބީގެ ނަމުގައި ފައިސާ ފޭރޭ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ
އިންޓަނެޓް މެދުވެރިކޮށް ގުޅުން ބަދަހިކޮށް، ލޯތްބޭ ބުނެ ފައިސާ ހޯދުމަށް ހިންގާ "ރޮމޭންސް ސްކޭމް" ތަކުން ރައްކާތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
އިންޓަނެޓް މެދުވެރިކޮށް ގުޅުން ބަދަހިކޮށް، ލޯތްބޭ ބުނެ ފައިސާ ހޯދުމަށް ހިންގާ "ރޮމޭންސް ސްކޭމް" ތަކުން ރައްކާތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
ބައިނަލްއަޤުވާމީ ފުލުހުންގެ އިދާރާ (އިންޓަޕޯލް) އިން ޢާންމުކުރި ވީޑިއޯއެއް މީސް މީޑިއާގައި ހިއްސާކުރަމުން ފުލުހުން ބުނީ، މިފަދަ ސްކޭމް ހިންގާ މީހުން ޝިކާރައެއްގެ އިތުބާރު ހޯދުމަށް މަސްތަކެއް ހޭދަކުރާ ކަމަށެވެ. ގިނަ ދުވަހު ވާހަކަ ދައްކައި، ފޮޓޯ އާއި ވީޑިއޯ ބަދަލުކޮށް، އަޑު އިވިފައި ވީ ނަމަވެސް ފައިސާ ހޯދަން އެދޭ ހިސާބުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން މަދު ފޮޓޯއަކާއި އޯޑިއޯ ކޮޅެއް އެކަނި ބޭނުންކޮށް ވެސް މީހެއްގެ ސިފައާއި އަޑު ނަކަލުކޮށްލެވޭ ފެންވަރަށް އެ ޓެކްނޮލޮޖީ ކުރިއަރާފައިވެއެވެ. އެހެންކަމުން ހަޤީޤީ މީހެއް ކަމަށް ހީވި ނަމަވެސް އެއީ ސްކޭމަރަކަށް ވެދާނެ ކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެއެވެ.
މި ނުރައްކާތަކުން ރައްކާތެރިވުމަށް ފުލުހުން ނަސޭހަތްތެރިވެފައި ވަނީ ތިން ކަމަކަށެވެ. ފުރަތަމަ ކަމަކީ، އިންޓަނެޓުން ބައްދަލުވި މީހަކު ފައިސާ ނުވަތަ ޒާތީ މަޢުލޫމާތު ހޯދަން އެދިއްޖެ ނަމަ ވަގުތުން އެކަން ނުކޮށް މަޑުޖެހިލައި ހާލަތު ވަޒަންކުރުމެވެ. ދެވަނަ ކަމަކީ، ފައިސާ ފޮނުވުމުގެ ކުރިން ވާހަކަ ދައްކަނީ ކާކާކަން ޔަޤީންކޮށް ކަށަވަރުކުރުމެވެ. ތިންވަނަ ކަމަކީ، ސްކޭމެއް ކަމަށް ޝައްކުވާ ހިސާބުން ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމެވެ.
ފުލުހުން ވަނީ "މަޑުކޮށްލާ، ކަށަވަރުކުރޭ" މި އުސޫލު އިސްކޮށް، އޮންލައިންކޮށް ބައްދަލުވާ ފަރާތްތަކުން ފައިސާއަށް އެދޭ ހާލަތްތަކުގައި ވިސްނުންތެރިކަން އިސްކުރުމަށް ރައްޔިތުންނަށް ގޮވައިލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް