މައިގަނޑު ބަޔަށް ދާން

ވިޔަފާރި

ލޯނަށް ފައިސާ ނުދެއްކުމުން ރީކޯ މޫސަގެ ދެ ރަށް ނީލަމުގައި ވިއްކާލަން ބީއެމްއެލް އިން ހުޅުވާލައިފި

ބީއެމްއެލް އިން ނެގި ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރަހުނުކޮށްފައިވާ ލ. އަތޮޅު ފަރެހާއި ކުޑަފަރެސް 45.6 މިލިއަން އެމެރިކާ ޑޮލަރަށް އާންމު ނީލަމެއްގައި ވިއްކާލަން އެ ބޭން

ލޯނަށް ފައިސާ ނުދެއްކުމުން ރީކޯ މޫސަގެ ދެ ރަށް ނީލަމުގައި ވިއްކާލަން ބީއެމްއެލް އިން ހުޅުވާލައިފި

ބީއެމްއެލް އިން ނެގި ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރަހުނުކޮށްފައިވާ ލ. އަތޮޅު ފަރެހާއި ކުޑަފަރެސް 45.6 މިލިއަން އެމެރިކާ ޑޮލަރަށް އާންމު ނީލަމެއްގައި ވިއްކާލަން އެ ބޭންކުން އިއުލާންކޮށްފިއެވެ.

ސިވިލް ކޯޓުން މި މަހުގެ ދެ ވަނަ ދުވަހު ކުރި ހުކުމަކާ ގުޅިގެން ލިބިފައިވާ ބާރުގެ ދަށުން ބީއެމްއެލް އިން މި ދެ ރަށް ވިއްކާލަން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ 45,633,000 އެމެރިކާ ޑޮލަރެވެ. މި ދެ ރަށުގެ ހެޑް ލީސް 2064 ވަނަ އަހަރުގެ ޑިސެމްބަރު 18 ގެ ނިޔަލަށް ދެމިއޮންނައިރު، އެ ތަން މިހާރު ހިންގަމުން ދަނީ 100 ކޮޓަރީގެ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައެވެ.

ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މާލޭ އޯކިޑްމާގޭގެ ހަ ވަނަ ފަންގިފިލާގައި ހުންނަ ބީއެމްއެލްގެ ކްރެޑިޓް ޑިޕާޓްމަންޓަށެވެ. ހަމަ އެ ދުވަހު އެ ޢިމާރާތުގެ 11 ވަނަ ފަންގިފިލާގެ މީޓިން ރޫމުގައި ބައިވެރިންގެ ހާޒިރުގައި ޕްރޮޕޯސަލްތައް ކެނޑުމަށް ހަމަޖެހިފައިވާއިރު، އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ރިސޯޓު ވިއްކާލާނީ "އެ އޮތް ގޮތަކަށް" އަދި "ހުރި ތަނެއްގައި" ކަމަށް ވާތީ، ބީލަން ހުށަހަޅާ ފަރާތްތަކުން އަމިއްލައަށް ދިއު ޑިލިޖެންސް ހެދުމަށް ބީއެމްއެލް އިން ވަނީ އިރުޝާދު ދީފައެވެ. ނީލަން ކާމިޔާބު ކުރާ ފަރާތުން ފަސް ދުވަހުގެ ތެރޭގައި ޑިޕޮސިޓެއްގެ ގޮތުގައި 100,000 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

2024 ވަނަ އަހަރު ވެސް ބީއެމްއެލް އިން ވަނީ މި ރަށްތައް ނީލަމުގައި ވިއްކާލަން ހުޅުވާލައިފައެވެ. ސިވިލް ކޯޓުން އެ ފަހަރު ނެރުނު ހުކުމުން އެނގޭ ގޮތުގައި ހެވީ ލޯޑުން ބީއެމްއެލް މެދުވެރިކޮށް ލޯނުގެ ގޮތުގައި ނަގާފައިވަނީ 11 މިލިއަން ޑޮލަރެވެ. ސަރުކާރުން ހެވީ ލޯޑަށް ލ. އަތޮޅުން މި ދެ ރަށް ދީފައިވަނީ ތިލަފުށި ބިންހިއްކުމުގެ މަޝްރޫޢުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.