މައިގަނޑު ބަޔަށް ދާން

ދުނިޔެ

އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލައިގައި ނަތަންޔާހޫ އިސްތިއުފާ ދޭން ޖެހޭ: އައިޒެންކޮޓް

އިސްތިއުމާރީ އިޒްރޭލުގެ އޮކްޓޫބަރު 27 ގެ އިންތިޚާބަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުތަކާ ގުޅިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަގާމުގައި އިތުރަށް ހުރެގެން ނުވާނެ ކަމަށް އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓް ބުނެފިއެވެ.

އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލައިގައި ނަތަންޔާހޫ އިސްތިއުފާ ދޭން ޖެހޭ: އައިޒެންކޮޓް

އިސްތިއުމާރީ އިޒްރޭލުގެ އޮކްޓޫބަރު 27 ގެ އިންތިޚާބަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުތަކާ ގުޅިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަގާމުގައި އިތުރަށް ހުރެގެން ނުވާނެ ކަމަށް އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓް ބުނެފިއެވެ.

ކުރީގެ އަސްކަރީ ވެރިޔާ އައިޒެންކޮޓް މިހެން ބުނީ، ކޯލިޝަން ސަރުކާރެއް އެކުލަވާލުމާ ގުޅޭ ގޮތުން ނަތަންޔާހޫގެ ލީކުޑް ޕާޓީއާއި އައިޒެންކޮޓްގެ ޔާޝާރް ޕާޓީގެ މަންދޫބުން ބައްދަލުކުރި ފަހުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންތިޚާބުގެ ކުރީ ދުވަހު ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް އިދޯ ނޯޑަން ވަނީ ޔުނައިޓެޑް އަރަބް ލިސްޓް (ރާމް) ޕާޓީގެ މެންބަރުންނާ ދެކޮޅަށް ފުލުހުންނަށް ޝަކުވާއެއް ހުށަހަޅާފައެވެ. ނަތަންޔާހޫގެ އޮފީހުގެ ކުރީގެ މުވައްޒަފެއް މެދުވެރިކޮށް ދޮގު ޖާސޫސީ މަޢުލޫމާތުތަކެއް ފޯރުކޮށްދީ، ވޯޓު ގަންނަން އުޅުނު ކަމުގެ ތުހުމަތުގައި ކޯޓު އަމުރަކާ ނުލައި ރާމް ޕާޓީގެ ތިން މެންބަރެއްގެ ގެ ބަލައި ފާސްކޮށް އެ މީހުން ހައްޔަރުކުރުވީ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ މަޢުލޫމާތުގައި ހަގީގަތެއް ނެތްކަން ފާހަގަވުމުން ފުލުހުން ވަނީ ފަހުން އެ މީހުން ދޫކޮށްލާފައެވެ. އޭގެ އިތުރުން، އިންތިޚާބު ދުވަހު ފަލަސްޠީނު ދަރިކޮޅުގެ ފަސް ޕާލަމެންޓް މެންބަރެއްގެ ފޯނު ޓެޕްކުރުމުގެ ހުއްދައަށް ޝިން ބެޓް ޖާސޫސީ އެޖެންސީން އެޓާނީ ޖެނެރަލް ކިބައިން އެދުނު ނަމަވެސް އެ ހުއްދަ ނުދިން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އައިޒެންކޮޓް ވަނީ މި މައްސަލަ ވަގުތުން ތަހުގީގުކޮށް، ފުލުހުންނާއި ޝިން ބެޓުން ކަން ހިނގި ގޮތް ސާފުކޮށްދިނުމަށް ގޮވާލާފައެވެ. ވެރިކަން ދެމެހެއްޓުމަށްޓަކައި ނަތަންޔާހޫ ފަލަސްޠީނު މީހުންނާ ދެކޮޅަށް ނަސްލީ އަދި އަނިޔާވެރި ކެމްޕޭނެއް ހިންގި ކަމަށް ވެސް އައިޒެންކޮޓް ތުހުމަތުކުރިއެވެ. ލީކުޑް ޕާޓީން ބުނީ އައިޒެންކޮޓްގެ ވާހަކަތަކަކީ ނަތަންޔާހޫއާ ދެކޮޅަށް ހިންގާ ބޮޑު ފިތުނައެއް ކަމަށެވެ.

އިންތިޚާބުގައި އަރަބި ޕާޓީތަކުން ރެކޯޑު ޢަދަދެއް ކަމަށްވާ 19 ގޮނޑި ކާމިޔާބުކުރުމުން، އެއްވެސް ހެއްކެއް ނެތި އިންތިޚާބު އޮޅުވާލީ ކަމަށް ނަތަންޔާހޫ ބުންޏެވެ. ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑި އަދި މިހާތަނަށް ނަތަންޔާހޫގެ ފަޅިއަށް ވެސް އައިޒެންކޮޓްގެ ފަޅިއަށް ވެސް ކަށަވަރުކުރެވިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.