ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މީހަކު ގޭބަންދުގައި - މައްސަލަ މަޖިލީހަށް
ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަން ސާބިތުވެފައިވާ 20 މީހަކު ގޭބަންދުގައި ތިބިކަން ފާހަގަކުރެވި، އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަން ސާބިތުވެފައިވާ 20 މީހަކު ގޭބަންދުގައި ތިބިކަން ފާހަގަކުރެވި، އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީގައި އެ މެންބަރު ވިދާޅުވެފައިވަނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް (ސީއެފްޕީއެސް) އިން ޢާންމުކޮށްފައިވާ ދަފްތަރުގައި ހިމެނޭ 20 މީހަކު މިހާރު ގޭބަންދުގައި ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މީހުންގެ ތަފްސީލު ހިމެނޭ ލިސްޓެއް ވެސް ސިޓީއާ އެކު ހިމަނުއްވާފައިވެއެވެ.
މެންބަރު މުޙައްމަދު އިބްރާހީމް ފާހަގަކުރައްވާފައިވާ ގޮތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ބުނާ ގޮތުން، މިފަދަ ކުށްވެރިންގެ މައްޗަށް ކަފާލާތުގެ ނުވަތަ ޕެރޯލްގެ އުސޫލެއް ނުހިނގާނެއެވެ. ހަމައެއާ އެކު ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ވެސް މި ކުށުގެ ޙުކުމް ތަންފީޛުކުރާ ފަރާތްތަކަށް ޕެރޯލްގެ ފުރުޞަތު ނުދެވޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. އެހެންކަމުން އެ މީހުން ގޭބަންދަށް ދޫކޮށްފައިވަނީ ކޮން އުސޫލަކުންތޯ އެ މެންބަރު ވަނީ ސުވާލު އުފައްދަވައިފައެވެ.
މި މައްސަލައިގައި ޤާނޫނީ ޒިންމާ އޮތް ފަރާތްތައް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފައެވެ. އެ ގޮތުން ޖަލުން ގޭބަންދަށް ބަދަލުކުރީ ކޮން ޤާނޫނެއްގެ ދަށުން ކޮން ފަރާތެއްގެ ނިންމުމަކުންތޯ އާއި، ގޭބަންދުގެ ޝަރުޠުތަކަށް ޢަމަލުކުރޭތޯ ބެލެހެއްޓެނީ ކިހިނެއްތޯ އާއި، އެ މީހުން ތިބި ގެތަކާއި ރަށްތަކުގައި ކުޑަކުދިންގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ އާއި، އިލެކްޓްރޯނިކް ޓެގް އެޅުވުމުގެ ނިޒާމެއް އޮތްތޯ އާއި، އެ ކުށްވެރިން އަލުން ޖަލަށް ގެންދިއުމަށް އަޅާނެ ފިޔަވަޅުތައް ސާފުކޮށްދެއްވުމަށް ވެސް ކޮމިޓީ މެދުވެރިކޮށް ބެއްލެވުމަށް އެދިވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް