ހުޅުމާލޭ ފޭސް ތިނެއްގައި އިންޑޯ ފުޓްސަލް އެރީނާއެއް އެޅުމުގެ މަސައްކަތް ފަށައިފި
ފީފާގެ މިންގަނޑަށް ފެތޭ ފަސް ކޯޓު ހިމެނޭ ރާއްޖޭގެ ފުރަތަމަ އިންޑޯ ފުޓްސަލް އެރީނާގެ ޢަމަލީ މަސައްކަތް ހުޅުމާލޭ ފޭސް ތިނެއްގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
ފީފާގެ މިންގަނޑަށް ފެތޭ ފަސް ކޯޓު ހިމެނޭ ރާއްޖޭގެ ފުރަތަމަ އިންޑޯ ފުޓްސަލް އެރީނާގެ ޢަމަލީ މަސައްކަތް ހުޅުމާލޭ ފޭސް ތިނެއްގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެރީނާގެ ގްރައުންޑް ފްލޯގައި ރަސްމީ މެޗުތައް ކުޅެވޭ މަލްޓި ސްޕޯޓްސް ޕިޗެއް އޮންނާނެއެވެ. އޭގެ އިތުރުން ތަމްރީނުތަކަށް ޚާއްޞަ ހަތަރު ޕިޗެއް ވެސް ހިމެނޭނެއެވެ. މައި ކޯޓުގައި 900 މީހުންގެ ޖާގައިގެ ގޮނޑިބަރި ހުންނައިރު، ޓިކެޓް ކައުންޓަރުތަކާއި ކެއިންބުއިމުގެ ސްޓޭންޑްތައް ވެސް ޤާއިމުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. ދެވަނަ ފަންގިފިލާގައި ވީއައިޕީ ލައުންޖަކާއި އަށް ކޯޕަރޭޓް ބޮކްސް ހުންނާނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ރާފިޢު ވިދާޅުވީ "ފުޓްސަލް އެރީނާއާ އެކު ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވާނެ" ކަމަށެވެ. ފުޓްސަލަކީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރުކަން ފާހަގަކުރައްވައި، ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް ރާއްޖެއިން ކާމިޔާބީތައް ހޯދަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފީފާގެ މިންގަނޑުގައި ފުޓްސަލް ކުޅެންޖެހެނީ އިންޑޯގައި ނަމަވެސް، މިހާތަނަށް ރާއްޖޭގައި ފުޓްސަލް މުބާރާތްތައް ބާއްވަމުން އައިސްފައިވަނީ ޓާފް ވިނަ އެޅި އައުޓްޑޯ ދަނޑުތަކުގައެވެ. މި އެރީނާގެ މަސައްކަތް ފެށި ދުވަހު ހުޅުމާލެ އެކެއްގެ ޣާޒީ ސްކޫލް ކުރިމަތީ ބިމެއްގައި ނެޓްބޯޅަ ކޮމްޕްލެކްސެއް ހެދުމުގެ ޢަމަލީ މަސައްކަތް ވެސް މިނިސްޓަރު ފައްޓަވައިދެއްވިއެވެ. ޖިއޯ ވޭވް ކުންފުންޏާ ހަވާލުކޮށްގެން 15 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަދާ އެ ކޮމްޕްލެކްސްގައި ފަސް ޕިޗާއި ކެފޭތަކާއި ޖިމެއް ހިމެނޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް