މައިގަނޑު ބަޔަށް ދާން

ހަބަރު

އީސީގެ ބަޖެޓަށް 40 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް ބަޖެޓް ކޮމިޓީގައި އެދިއްޖެ

2028 ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ހުށަހެޅި ބައިތައް އަންނަ އަހަރުގެ ބަޖެޓުން އުނިކޮށްފައިވާތީ، މިހާރު ކަނޑައެޅިފައިވާ ޢަދަދަށް 40 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މިއަދު އެދިއްޖެއެވެ.

އީސީގެ ބަޖެޓަށް 40 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް ބަޖެޓް ކޮމިޓީގައި އެދިއްޖެ

2028 ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ހުށަހެޅި ބައިތައް އަންނަ އަހަރުގެ ބަޖެޓުން އުނިކޮށްފައިވާތީ، މިހާރު ކަނޑައެޅިފައިވާ ޢަދަދަށް 40 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މިއަދު އެދިއްޖެއެވެ.

އީސީގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވީ އެ ކޮމިޝަނަށް ކަނޑައެޅި 67 މިލިއަން ރުފިޔާގެ ތެރެއިން 35 މިލިއަން ރުފިޔާ ޚަރަދުވަނީ ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއަށް ކަމަށެވެ. ބާކީ 29.7 މިލިއަން ރުފިޔާ ޚާއްޞަކޮށްފައި އޮތީ އިދާރީ ކަންކަމަށް ކަމަށާއި، އެ ޢަދަދުގެ ތެރެއިން 27 މިލިއަން ރުފިޔާ ހޭދަވަނީ މުސާރައަށް ކަމަށް ޝަކީލް ވިދާޅުވިއެވެ. ކަރަންޓާއި ފެނަށް 6.2 މިލިއަން، އައިޓީ ސެކިއުރިޓީއަށް ހަ މިލިއަން، އެހެނިހެން އިދާރީ ޚަރަދުތަކަށް ހަ މިލިއަން، އަދި ބައި އިލެކްޝަންތަކަށް 1.8 މިލިއަން ރުފިޔާ ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ޢާންމުން ހޭލުންތެރިކުރުމުގެ މަސައްކަތަށް ވެސް ބަޖެޓުގައި ޖާގައެއް ނެތް ކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ.

ޑިޖިޓަލް ނިޒާމާއި ޕްރޮކިއުމެންޓުގެ މަސައްކަތް 2027 ގެ ބަޖެޓުން ނުފެށޭނެތީ، ހުރިހާ ކަމެއް 2028 ގައި ކުރަންޖެހޭނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. ސެޕްޓެމްބަރުގައި ބާއްވާ އިންތިޚާބަށް ޖެނުއަރީގައި ޕްރޮކިއުމެންޓް ފެށި ނަމަވެސް ލިބޭނީ ހައެއްކަ މަސް ކަމަށާއި، އެ މުއްދަތުގައި ބޭނުންވާ ފެންވަރަށް ތައްޔާރުވުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވާނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޒަކަރިއްޔާ ވިދާޅުވީ "އަޅުގަނޑުމެން އެދުނީ 2027 ވަނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެންގެ ބޮޑެތި ޕްރޮކިއުމެންޓް ކަންކަން ކުރުމަށް ބަޖެޓް ރިލީޒް ކޮށްދެއްވާށޭ ކޮންމެވެސް ވަރަކަށް. އިނީޝިއަލީ އަޅުގަނޑުމެންނަށް ދެއްވި 40 މިލިއަންގެ ސީލިންގެ ބަޖެޓެއް ރިޔާސީ އިންތިހާބުގެ ކަންކަން ކުރުމަށް،" ކަމަށެވެ. ޒަކަރިއްޔާ އިތުރަށް ވިދާޅުވީ "މިހިނގާ އަހަރުގެ ބަޖެޓުގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް އެއްވެސް އެނގުމެއް ނެތި ގާތްގަނޑަކަށް ނުވަ ލައްކައެއްހާ ރުފިޔާ ވަނީ ބަޖެޓުން އުނިކުރެވިގެން ގޮސްފައި. އޭގެ ތެރޭގައި އަޅުގަނޑުމެންގެ މަރާމާތާއި ސާވާ ސެކިއުރިޓީއަށް ބޭނުންވާ ބަޖެޓު ވެސް އެނގުމެއް ނެތި އުނިވެގެން ގޮސްފައި،" ކަމަށެވެ.

ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞޮލާޙް ރަޝީދު ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ބަޖެޓުން ދެ މިލިއަން ރުފިޔާ އުނިކުރީ މައިގަނޑު ގޮތެއްގައި މުވައްޒަފުންގެ މުސާރައިންނެވެ. ޕޭ ހާމަނައިޒޭޝަނުގެ އޮނިގަނޑުގެ ތެރެއަށް ކޮމިޝަން އަދި ނުވަދެ އޮތުމާ އެކު، އެ ބަދަލު ގެނެސްފި ނަމަ މުސާރައަށް އިތުރުވާ ޚަރަދު ބަޖެޓުގައި ހިމަނާފައި ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން، ކޮމިޝަން މިހާރު ހިންގާ ޢިމާރާތް ހުސްކުރަން ލިޔުމުން ނޯޓިސް ދީފައިވާ ކަމަށާއި، ބަދަލު ޖާގައެއް ނުލިބޭތީ ކުއްޔަށް ދާނެ ފައިސާގެ ޢަދަދު ކަށަވަރު ނުވާ ކަމަށް ޞޮލާޙް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.