މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޖަލުގައި ހުންނެވި އިމްރާން ޚާންގެ ޞިއްޙީ ހާލު ގޯސްވެ އަވަސް ފަރުވާއަށް އެދިވަޑައިގެންފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، ޖަލުގައި ހޭދަކުރައްވާ ދުވަސްތަކުގައި ޞިއްޙީ ހާލުކޮޅު ގޯސްވަމުންދާތީ، އެމަނިކުފާނާއި އަނބިކަނބަލުން ބުޝްރާ ބީބީއަށް އަވަހަށް ފަރުވާ ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެންފިއެވެ.

ޖަލުގައި ހުންނެވި އިމްރާން ޚާންގެ ޞިއްޙީ ހާލު ގޯސްވެ އަވަސް ފަރުވާއަށް އެދިވަޑައިގެންފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، ޖަލުގައި ހޭދަކުރައްވާ ދުވަސްތަކުގައި ޞިއްޙީ ހާލުކޮޅު ގޯސްވަމުންދާތީ، އެމަނިކުފާނާއި އަނބިކަނބަލުން ބުޝްރާ ބީބީއަށް އަވަހަށް ފަރުވާ ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެންފިއެވެ.

އުމުރުން 74 އަހަރުގެ ޚާންގެ ވަކީލު ސަލްމާން ސަފްދަރު ހާމަކުރެއްވި ސިޓީއެއްގައި ޚާން ވިދާޅުވެފައިވަނީ ޖަލުގެ ހަރުކަށި ހާލަތުގެ ސަބަބުން "ދިރިހުރެ އެނބުރި ނާދެވިދާނެ ފަދަ ހާލަތަކަށް" ކަންކަން ވާސިލުވަމުންދާ ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ އެ ސިޓީގައި ބުނެފައިވާ ގޮތުގައި ހިތަށް އަނިޔާ ލިބިފައިވާއިރު ސިކުނޑިއަށް ލޭ އެޅުމާއި ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑެވެ. ހަމައެއާ އެކު ކަނާތު ލޮލުގެ ފެނުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް އާއިލާއިން ބުނާއިރު، ބުޝްރާ ބީބީއަށް ލޮލުގެ އިތުރު ސާޖަރީއެއް ނުހެދިއްޖެ ނަމަ ފެނުން މުޅިން ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ޚާން ވިދާޅުވެފައިވެއެވެ.

ސަތޭކައަށް ވުރެ ގިނަ ދައުވާ އުފުލައި 2023 ވަނަ އަހަރުގެ އޮގަސްޓުން ފެށިގެން ބަންދުގައި ހުންނެވި ޚާން ވިދާޅުވީ ދުވާލަކު 22 ގަޑިއިރު އެކަހެރިކޮށް ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި، އާއިލާއާ ބައްދަލުކުރުމާއި ފޮތް ކިޔުމާއި ޓީވީ ބެލުމުގެ ފުރުޞަތު ނުލިބޭ ކަމަށެވެ. ވޭތުވެ ދިޔަ އެއް އަހަރު ތެރޭ ވަކީލުންނާ ބައްދަލުވީ އެންމެ ހަތަރު ފަހަރު ކަމަށް ވިދާޅުވެ، "މައުސޫމްކަން ސާބިތުކޮށްދެވޭނީވެސް ދިރިހުރެވިގެން" ކަމަށް ލިޔުއްވާފައިވެއެވެ.

ޕާކިސްތާނު ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ޕާލިމެންޓަރީ އެފެއާޒް މިނިސްޓަރު ތާރިގް ފަޒަލް ޗައުދަރީ ވިދާޅުވީ ޚާނަކީ އެ ޤައުމުގެ ޖަލުތަކުގައި ހުންނެވި އެންމެ ގިނަ ލުއިފަސޭހަ ލިބިވަޑައިގަންނަވާ ގައިދީ ކަމަށެވެ. ކޮންމެ ހަފުތާއަކު ޑޮކްޓަރުން ބައްލަވައި ހާލުކޮޅު ރަނގަޅު ކަމަށް ނިންމާފައިވާ ކަމަށާއި، މިދިޔަ ހަފުތާގައި ވެސް ސަރުކާރުގެ ހޮސްޕިޓަލަކަށް ގެންގޮސް ލޮލަށް އިންޖެކްޝަން ޖެހި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

2018 އިން 2022 އަށް ޕާކިސްތާނުގެ ވެރިކަން ކުރެއްވި ޚާން މިނިވަންކުރުމަށް ގޮވައިލައި މިދިޔަ އޮކްޓޫބަރުގައި އެތައް ހާސް ސަޕޯޓަރުން މަގުތަކަށް ނިކުތީ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. ދުނިޔޭގެ މަޝްހޫރު ކުރީގެ ކްރިކެޓް ކެޕްޓަނުންތަކެއް ވެސް ވަނީ ޚާނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ދިނުމަށް ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ތަކުރާރުކޮށް ގޮވައިލައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.