އެސްއޯއީ ޑިވިޑެންޑް 61 އިންސައްތަ އިތުރުވެ، ދައުލަތަށް 36 ބިލިއަން ރުފިޔާ ލިބިއްޖެ
މިއަހަރުގެ ނޮވެމްބަރު 12 ގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 36.0 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ހަފުތާ ރިޕޯޓުން ދައްކައިފިއެވެ.
މިއަހަރުގެ ނޮވެމްބަރު 12 ގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 36.0 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ހަފުތާ ރިޕޯޓުން ދައްކައިފިއެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 33.3 ބިލިއަން ރުފިޔާ ކަމަށްވާތީ މިއީ 8.0 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފެންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ޑިވިޑެންޑުގެ ގޮތުގައި ދެއްކި ފައިސާއިންނެވެ. މިދިޔަ އަހަރު 654.7 މިލިއަން ރުފިޔާ ލިބުނު ތަނުގައި މިފަހަރު 61.3 އިންސައްތައިގެ އިތުރުވުމަކާ އެކު 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފާއިތުވި ހަފުތާގެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ޑިވިޑެންޑުގެ ގޮތުގައި 572.7 މިލިއަން ރުފިޔާ ލިބުމެވެ.
ޓެކުހުގެ ޖުމްލަ އާމްދަނީ 10.3 އިންސައްތައިގެ ކުރިއެރުމާ އެކު 27.4 ބިލިއަން ރުފިޔާއަށް އަރައިފައިވެއެވެ. ވިޔަފާރިއާއި މުދަލުން ނެގި ޓެކުހުން 22.9 އިންސައްތައިގެ ކުރިއެރުމަކާ އެކު 6.1 ބިލިއަން ރުފިޔާ ލިބުނުއިރު، އިމްޕޯޓް ޑިއުޓީ 13.5 އިންސައްތަ އިތުރުވެ 3.0 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. ޓެކުހުން ބޭރު އާމްދަނީ 1.2 އިންސައްތަ ދަށަށް ގޮސް 8.1 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މުދަލާއި ގޯތިގެދޮރުން ލިބުނު ފައިސާ 29.4 އިންސައްތަ މައްޗަށް ގޮސް 2.3 ބިލިއަން ރުފިޔާއަށް އެރިއެވެ. ހިލޭ އެހީ 64.9 އިންސައްތަ އިތުރުވެ 528.2 މިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.
ޚަރަދަށް ބަލާއިރު ދައުލަތުން ޖުމްލަ 39.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 14.9 އިންސައްތައިގެ އިތުރުވުމެކެވެ. ހިންގުމުގެ ޚަރަދު 15.4 އިންސައްތަ މައްޗަށް ގޮސް 34.3 ބިލިއަން ރުފިޔާއަށް އެރިއިރު، ސަބްސިޑީއަށް ހޭދަކުރި ޢަދަދު 51.2 އިންސައްތައިގެ ބޮޑު އިތުރުވުމަކާ އެކު 3.0 ބިލިއަން ރުފިޔާއިން 4.6 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. ރިޕޯޓުގައިވާ ގޮތުގައި ފާއިތުވި ހަފުތާގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގީ ސަބްސިޑީތަކަށެވެ. ކެޕިޓަލް ޚަރަދު 12.3 އިންސައްތަ އިތުރުވެ 5.5 ބިލިއަން ރުފިޔާއަށް އެރިއިރު، ބިމާއި އިމާރާތްތަކަށް 40.7 އިންސައްތައިގެ ކުރިއެރުމަކާ އެކު 1.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މުސާރައާއި އިނާޔަތްތަކަށް 10.7 އިންސައްތައިގެ އިތުރުވުމަކާ އެކު 13.4 ބިލިއަން ރުފިޔާ ހޭދަވީއިރު، ދަރަނީގެ އިންޓްރެސްޓާއި ފައިނޭންސިން ޚަރަދު 2.4 އިންސައްތަ ދަށަށް ގޮސް 4.2 ބިލިއަން ރުފިޔާގައި ހުއްޓެވެ.
ނޮވެމްބަރު 12 ގެ ނިޔަލަށް ބަޖެޓް ޑެފިސިޓް 3.8 ބިލިއަން ރުފިޔާއަށް ފުޅާވެފައިވާއިރު، މިދިޔަ އަހަރުގެ ހަމަ އެ މުއްދަތުގައި ޑެފިސިޓް އޮތީ 1.3 ބިލިއަން ރުފިޔާގައެވެ. ދަރަނީގެ ޚިދުމަތުގެ ޚަރަދު އުނިކޮށް ބަލާ ނަމަ ދައުލަތަށް 360.0 މިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ވަނީ ހާސިލުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް