މައިގަނޑު ބަޔަށް ދާން

ހަބަރު

ތިން އަހަރުގެ ތެރޭގައި ކުލި ކުޑަކޮށް، 3,960 ހައުސިން ޔުނިޓް ބިނާކުރުމަށް އެޗްޑީސީން ސޮއިކޮށްފި

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ކުލި ކުޑަކުރުމާއި ބިން ހިއްކުމާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިންގައިފިއެވެ.

ތިން އަހަރުގެ ތެރޭގައި ކުލި ކުޑަކޮށް، 3,960 ހައުސިން ޔުނިޓް ބިނާކުރުމަށް އެޗްޑީސީން ސޮއިކޮށްފި

މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ކުލި ކުޑަކުރުމާއި ބިން ހިއްކުމާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިންގައިފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް 3,960 ހައުސިން ޔުނިޓް ބިނާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ. މީގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ށ. މިލަންދޫ، ރ. ދުވާފަރު، ޅ. ނައިފަރު އަދި އައްޑޫ ސިޓީގެ ގަން، ފޭދޫ، ހިތަދޫ އަދި މަރަދޫ ހިމެނެއެވެ. މީގެ އިތުރުން މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ޚާއްޞަ 198 ޖާގައިގެ ކޯ-ލިވިން "އެކުވެހި" ބޭނުންކުރަން ފެށުމާ ގާތްވެފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ބޯހިޔާވަހިކަމުގެ ކުލީގެ ލުއިތަކަށް ބަލާއިރު، ހިޔާ ކޮންމެ ފުލެޓެއްގެ ޖުމްލަ އަގުން އެވްރެޖްކޮށް 200,000 ރުފިޔާ އުނިކޮށް، ކުރިން މަހަކު 8,500 ރުފިޔާގެ ގޮތުގައި ދައްކަމުން އައި ކުލި ހަތް އަހަރުގެ މުއްދަތަށް 4,984.21 ރުފިޔާއަށް ތިރިކޮށްފައިވެއެވެ. ހުޅުމާލެ ފޭސް އެކެއްގެ ސޯޝަލް ހައުސިން ޔުނިޓްތަކުން 2024 ފެބްރުއަރީން ފެށިގެން 20 އިންސައްތައިގެ ޑިސްކައުންޓެއް ދީފައިވެއެވެ. ވިނަރެސް ފުލެޓުތަކާ ގުޅިގެން 2025 ޖެނުއަރީގައި ތަޢާރަފުކުރި ލުއިތަކުގެ ތެރޭގައި ޑައުންޕޭމަންޓުން 50 އިންސައްތަ އުނިކުރުމާއި، މަހު ކުލިން 4,200 ރުފިޔާ އުނިކުރުމާއި، މެނޭޖްމަންޓް ފީ 1,000 ރުފިޔާއަށް ކުޑަކުރުމާއި އިންޓަރެސްޓް ރޭޓު ނުވައެއް އިންސައްތައިން ހައެއް އިންސައްތައަށް ތިރިކުރުން ހިމެނެއެވެ.

ބިން ހިއްކުމުގެ މަސައްކަތަށް ބަލާއިރު ރަސްމާލެ މަޝްރޫޢުގެ ދަށުން 2026 ނޮވެމްބަރު ދިހައެއްގެ ނިޔަލަށް 713.43 ހެކްޓަރު ހިއްކައި ނިންމައިފައިވެއެވެ. ބިންވެރިޔާ ސްކީމުން ދޫކުރާ 698 ގޯއްޗާއި ކުރިމަގުގެ ތަރައްޤީއަށް ހުޅުމާލެ ތިން ވަނަ ފިޔަވަހިން 63 ހެކްޓަރު، ތިލަފުށީ ދެ ވަނަ ފިޔަވަހިން 117 ހެކްޓަރު ހިއްކައިފައިވާ އިރު، ތިލަފުށިން އިތުރު 102 ހެކްޓަރު ހިއްކުމުގެ މަސައްކަތް ވެސް ފެށިފައިވެއެވެ.

ހުޅުމާލެ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން ހިޔާ 16 ޓަވަރަށް ޖުމްލަ 32 ލިފްޓު ބެހެއްޓުމާއި، ނުހެދި ހުރި މަގުތައް ހެދުމާއި، 88 ސްޕީޑް ބަމްޕަރު ޤާއިމުކުރުމާއި، ރައުންޑްއެބައުޓާއި ބަސް ހުއްޓިތައް އިތުރުކޮށްފައިވެއެވެ. ފޭސް ދޭކުގައި އެންވަން ސްޕޯޓްސް ޕާކާއި ކުޅިވަރު އެކުވެނި ނިންމައި، ފިތުރޯނު ޕާކާއި ސްޓެލްކޯ ޕާކާއި ވިނަރެސް ޕާކާއި ޕޮކެޓް ޕާކުތަކާއި އައުޓްޑޯ ޖިމްތައް ތަރައްޤީކޮށްފައިވެއެވެ. ފުރަތަމަ ފިޔަވަހީގައި ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓުގެ އާ އިމާރާތް ނިންމައި ހަވާލުކޮށްފައިވާ އިރު، ގާތްގަނޑަކަށް 20 އަހަރު ނުނިމި އޮތް ފަސް ތަރީގެ މޭންހަޓަން ގްރޭންޑް ހޮޓެލް ހުޅުވައި، 2017 ގައި ފެށި ހިޔާ ވެހި ސްޓާފް ހައުސިން ނިންމައި 400 އަށް ވުރެ ގިނަ މުވައްޒަފުންނަށް ތަޅުދަނޑި ހަވާލުކޮށްފައިވެއެވެ.

ހިންގުން ހަރުދަނާކުރުމުގެ ގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ (އާރްޓީއައި) ޤާނޫނަށް ފުރިހަމައަށް ޢަމަލުކުރަން ފެށި ރާއްޖޭގެ ފުރަތަމަ ސަރުކާރު ޙިއްޞާވާ ކުންފުންޏަށް އެޗްޑީސީ ވެފައިވެއެވެ. ހިޔާ އަދި ވިނަރެސް މަޝްރޫޢަށް ޗައިނާއިން ނެގި ބޮޑެތި ލޯނުތައް ފަސް އަހަރަށް ރީސްޓްރަކްޗާކޮށް، ރުފިޔާ އާއި ޑޮލަރުގެ ލިކުއިޑިޓީއަށް ބޮޑު ލުޔެއް ހޯދައިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.