ހިނގަމުންދާ އެއާޕޯޓް މަޝްރޫޢުތައް 2028 ގެ މެދުތެރެއަށް ނިންމައި ހުޅުވާނެ ކަމުގެ ޔަގީންކަން ދީފި
ތަރައްޤީކުރުމުގެ މަރުހަލާގައި ހުރި ހުރިހާ އެއާޕޯޓެއްގެ މަސައްކަތް މި ރިޔާސީ ދައުރު ނިމުމުގެ ކުރިން އެއްކޮށް ނިންމައި އޮޕަރޭޝަނަށް ގެންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ތަރައްޤީކުރުމުގެ މަރުހަލާގައި ހުރި ހުރިހާ އެއާޕޯޓެއްގެ މަސައްކަތް މި ރިޔާސީ ދައުރު ނިމުމުގެ ކުރިން އެއްކޮށް ނިންމައި އޮޕަރޭޝަނަށް ގެންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރުތަކެއް ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ހިނގާ އަހަރަކީ ލޯނުތައް ދެއްކުމުގެ އަހަރު ކަމަށާއި، އަންނަ އަހަރު މަޝްރޫޢުތައް ބާރު ސްޕީޑުގައި ނިންމައި ރައްޔިތުންނާ ޙަވާލުކުރާނެ ކަމަށެވެ. އެމްޓީސީސީއާއި އެމްއޭސީއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ އެއާޕޯޓުތަކުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެހާސް އަށާވީހުގެ މެދުތެރެއަށް ދާއިރުގަ މި ސަރުކާރުން ސޮއިކުރި އަދި މި ސަރުކާރާ ޙަވާލުވި އިރުގަ ހިނގަމުންދާ ހުރިހާ އެއާޕޯޓެއް ނިންމައި، އިރާދަކުރެއްވިއްޔާ ހުޅުވާނަން. އެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ.
ތަރައްޤީގެ މަސައްކަތްތައް އަވަސްކުރުމަށް އެމްޓީސީސީގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މިހާރު ބޭނުންކުރާ 'މަހާ ޖައްރާފު' އަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރަކަށް ފައިސާ ދައްކައި ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ އަހަރުގެ މާރިޗު މަހު އެ ޑްރެޖަރު ރާއްޖެ ގެނައުމުން ބިން ހިއްކުމުގެ މަސައްކަތްތައް ވަރަށް ބާރަށް ހިނގައިގަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ބޮޑުހިލަ ހޯދުމުގައި ކުރިމަތިވެފައި ހުރި ދަތިތައް ޙައްލުކުރުމަށް އެމްޓީސީސީއަށް ބޭރު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދީ، ބަލްކުކޮށް ހިލަ އެތެރެކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ދެތިން މަސް ތެރޭ އެކަށީގެންވާ ސްޓޮކެއް ޤާއިމުކުރެވޭނެ ކަމަށާއި، އެއާއެކު ބަނދަރުތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ވެސް އަވަސްވާނެ ކަމަށް ވިދާޅުވިއެވެ. އާރުޑީސީ އާއި އެމްޓީސީސީ އެއްކޮށްލީ ވިސްނުންތެރިކަމާ އެކުގައި ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެއްފަހަރާ އެތައް ރަށެއްގެ މަގުހެދުމުގެ މަސައްކަތް ނިމި ރައްޔިތުންނަށް ފައިދާ ފެންނަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް