މައިގަނޑު ބަޔަށް ދާން

ދުނިޔެ

އިސްތިޢުމާރީ އިޒްރޭލުގެ ތިން މީހަކާއި ހަތަރު ޖަމާޢަތަކަށް އޮސްޓްރޭލިޔާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރިފަށުގައި ޣައިރުޤާނޫނީ ގޮތުން ބިން ފޭރުމުގައި ބައިވެރިވާ އިސްތިޢުމާރީ އިޒްރޭލުގެ ތިން ފަރުދަކާއި ހަތަރު ޖަމާޢަތަކާ ދެކޮޅަށް އޮސްޓްރޭލިޔާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އިސްތިޢުމާރީ އިޒްރޭލުގެ ތިން މީހަކާއި ހަތަރު ޖަމާޢަތަކަށް އޮސްޓްރޭލިޔާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރިފަށުގައި ޣައިރުޤާނޫނީ ގޮތުން ބިން ފޭރުމުގައި ބައިވެރިވާ އިސްތިޢުމާރީ އިޒްރޭލުގެ ތިން ފަރުދަކާއި ހަތަރު ޖަމާޢަތަކާ ދެކޮޅަށް އޮސްޓްރޭލިޔާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އޮސްޓްރޭލިޔާއިން ބުދަ ދުވަހު މި ފިޔަވަޅު އެޅީ، ހުޅަނގު އައްސޭރިފަށުގައި ޣައިރުޤާނޫނީ ގޮތުން ގެދޮރު ބިނާކުރުމުގައި ހަރަކާތްތެރިވާ އިޒްރޭލުގެ އަށް ކޮންސްޓްރަކްޝަން ކުންފުންޏަކާ ދެކޮޅަށް އިނގިރޭސިވިލާތުން ވެސް ފިޔަވަޅު އެޅިތާ އެއް ދުވަސް ފަހުންނެވެ. މި ފިޔަވަޅުތަކުގެ ދަށުން އޮސްޓްރޭލިޔާގެ ރައްޔިތުންނާއި ވިޔަފާރިތަކުން އެ ފަރާތްތަކާ އެކީ މުޢާމަލާތްކުރުމާއި އެހީތެރިކަން ދިނުން ވަނީ މަނާކޮށްފައެވެ.

ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި ޣައިރުޤާނޫނީ ވަޒަންވެރިންގެ ޖަމާޢަތެއް ކަމަށްވާ "ނަޚާލާ"ގެ ލީޑަރު އަދި ޣައްޒާއިން ފަލަސްޠީނު ރައްޔިތުން ގަދަކަމުން ބޭރުކުރުމަށް ވަކާލާތުކުރާ ޑެނިއެލާ ވެއިސް ހިމެނެއެވެ. އޭގެ އިތުރުން، އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއް މެދުވެރިކޮށް ހުޅަނގު އައްސޭރިފަށުގައި ޣައިރުޤާނޫނީ އާބާދީތައް ހަލުވިކަމާ އެކީ ފުޅާކުރަމުންދާ އެލިއާވް ލީބީ ވެސް އެ ލިސްޓުގައި ހިމެނެއެވެ.

އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ނެރުއްވި ބަޔާނުގައި ވިދާޅުވީ، ފިޔަވަޅު އެޅި ފަރާތްތަކަކީ "އާ ވަޒަންވެރިވުންތައް ރޭވުމާއި، ވިލަރެސްކުރުމާއި، ގާއިމުކުރުމުގެ އިތުރުން ފަންޑު ހޯދުމާއި، ވޮލަންޓިއަރުން ނެރުމާއި، އަނިޔާވެރި ވަޒަންވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވާ ފަރާތްތައް" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ ޢަމަލުތަކުގެ ސަބަބުން ސުލްހަ ޤާއިމުކުރުމުގެ ފުރުޞަތު އެއްކޮށް ގެއްލިގެންދެއެވެ. އަދި ހުޅަނގު އައްސޭރިފަށް ދެ ބައިކޮށް، އިރުމަތީ ޤުދުސާ އެ ސަރަޙައްދު ވަކިކޮށްލާ "އީ1" މަޝްރޫޢުގެ ސަބަބުން ފަލަސްޠީނުގެ މުސްތަޤުބަލުގެ ދައުލަތެއް އުފެދުމުގެ އުންމީދުތައް ވެސް ވިއްސިވިހެލިވެގެންދާ ކަމަށް ވޮންގް ވިދާޅުވިއެވެ. އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރއާ މި ސިޔާސަތާ ގުޅޭ ގޮތުން ވާހަކަދައްކައި، ޣައިރުޤާނޫނީ ވަޒަންވެރިވުންތަކާ ދެކޮޅުކަން ސާފުކޮށްދެއްވާފައިވާނެ ކަމަށް ވެސް ވޮންގް ވިދާޅުވިއެވެ.

ހުޅަނގު އައްސޭރިފަށުގައި ޔަހޫދީން ވަޒަންވެރިކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ. ގެ ނިންމުންތަކާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. ނަމަވެސް ޔަހޫދީ ވަޒަންވެރިން ދަނީ ފަލަސްޠީނު ރައްޔިތުންނަށް އަމާޒުކޮށް ލާއިންސާނީ ހަމަލާތައް ދެމުންނެވެ. މި ހަފުތާގައި ވެސް ޖެރިކޯގައި 72 އަހަރުގެ ފަލަސްޠީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވެއެވެ. ފަލަސްޠީނުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހުޅަނގު އައްސޭރިފަށުން އެކަނި ވެސް އިޒްރޭލު ސިފައިންނާއި ހައްދުފަހަނައެޅި ވަޒަންވެރިން ވަނީ 1,220 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް، 13,746 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފައެވެ. އަދި 26,000 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޣައިރުޤާނޫނީ ގޮތުގައި ހައްޔަރުކޮށްގެން ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.