ޖުމްހޫރީ ދުވަހުގެ ޖަލްސާގައި 113 ބޭފުޅަކަށް އިނާމު ދެނީ
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި މަތީ ދަރަޖައިގެ ޚާއްޞަ އިނާމު ޖުމްލަ 113 ބޭފުޅަކަށް ދެއްވުމަށް ނިންމައިފިއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި މަތީ ދަރަޖައިގެ ޚާއްޞަ އިނާމު ޖުމްލަ 113 ބޭފުޅަކަށް ދެއްވުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ދައުލަތީ ޚިދުމަތުގެ އިނާމު 56 ބޭފުޅަކަށް، އަދި ޚާއްޞަ އިނާމު 57 ބޭފުޅަކަށް ދެއްވާނެއެވެ. މާދަމާރޭ 8:30 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައި ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް އިނާމު ދެއްވާނެއެވެ.
ދައުލަތީ ޚިދުމަތުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެއް ދެއްވާއިރު، ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. ދައުލަތީ ޚިދުމަތުގެ އިނާމަށް ބޭފުޅުން ކަނޑައެޅުއްވީ ޤައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ. ޚާއްޞަ އިނާމަށް ބޭފުޅުން ހޮއްވެވީ ޚާއްޞަ އިނާމާ ބެހޭ ކޮމިޓީންނެވެ.
ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ 57 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރެއްވުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ހަ ބޭފުޅުންނާއި، ލެވެލް 7 ނުވަތަ 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރެއްވުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅުންނާއި، ބައިނަލްއަޤުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ވަނަ ހޯދައިގެން އިނާމު ހާސިލުކުރި އެއް ފަރާތެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް އިނާމު ދެއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް