އިންޑިއާ ރައްޔިތުންނަށް ވިސާ އިސްތިސްނާ ދިނުން މެލޭޝިއާއިން ހުއްޓާލަނީ
އިންޑިއާ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވިސާ އިސްތިސްނާގެ ދަށުން މެލޭޝިއާއަށް ވަނުމުގެ ފުރުސަތު 2027 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ބަންދުކުރާނެ ކަމަށް މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމެންޓުން އިޢުލާނުކޮށްފިއެވެ.
އިންޑިއާ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވިސާ އިސްތިސްނާގެ ދަށުން މެލޭޝިއާއަށް ވަނުމުގެ ފުރުސަތު 2027 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ބަންދުކުރާނެ ކަމަށް މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމެންޓުން އިޢުލާނުކޮށްފިއެވެ.
ނޮވެމްބަރު 17 ގައި ނެރުނު ނޯޓިސްގައި އެ ޑިޕާޓްމެންޓުން ބުނެފައިވަނީ "ވީސާ އިސްތިސްނާގެ ޚިދުމަތް 2027 ޖެނުއަރީ އެކަކުން ފެށިގެން އިންޑިއާ ރައްޔިތުންނަށް ދެން ނުލިބޭނެ" ކަމަށެވެ. މީގެ ކުރިން ވިޔަފާރި، ފަތުރުވެރިކަން، އިޖުތިމާޢީ ދަތުރު ނުވަތަ ޓްރާންސިޓް ބޭނުމަށް ގިނަވެގެން 30 ދުވަހަށް ވިސާ ނެތި މެލޭޝިއާއަށް ވަނުމުގެ ހުއްދަ އިންޑިއާ ރައްޔިތުންނަށް އޮތެވެ.
މި ނިންމުން އައީ ކުއާލަލަމްޕޫރުގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މީގެ ދެ މަސް ކުރިން ނެރުނު އެޑްވައިޒަރީއަކާ ގުޅިގެންނެވެ. ވިސާ އިސްތިސްނާގެ ދަށުން ވަޒީފާ ހޯދަން މެލޭޝިއާއަށް ދާ އިންޑިއާ ރައްޔިތުންގެ ޢަދަދު "ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވާ" ކަމަށް އެ ހައި ކޮމިޝަނުން ފާހަގަކޮށް، ވޯކް ޕާމިޓެއް ނެތި ދިއުމުން ހުންނަންޖެހޭ މުއްދަތު ފަހަނައެޅުމާއި ޣައިރުޤާނޫނީ އިމިގްރެންޓުންނަށް ވުމުގެ ނުރައްކާ އޮތް ކަމަށް ބުނެފައިވެއެވެ.
އައު އުސޫލުގެ ދަށުން ވިސާ ނެތި ދަތުރުކުރާ ބޭރު ރައްޔިތުންގެ ޕާސްޕޯޓުގައި މަދުވެގެން ހަ މަސް ދުވަހުގެ ވެލިޑިޓީ ހުރުމާ އެކު، މެލޭޝިއާގައި ހޭދަކުރާ މުއްދަތުގެ ޚަރަދު ބެލެހެއްޓޭނެކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހެޅުން ލާޒިމުވެއެވެ. އޭގެ އިތުރުން މައިޓްރިޕްޕާސް ޕްލެޓްފޯމް މެދުވެރިކޮށް ޓްރެވެލް މެޑިކަލް އިންޝުއަރެންސް ސެޓްފިކެޓް ހެއްދުމަށް ވެސް އެ ޑިޕާޓްމެންޓުން ބާރުއަޅާފައިވެއެވެ.
މީގެ އިތުރުން "ނިއު އެޕްލިކޭޝަން" ނުވަތަ "ޕެންޑިން ޕެއިމެންޓް" ގެ ހާލަތުގައި ހަތް ވަރކިން ޑޭއަށް ވުރެ ގިނައިން އޮންނަ ކޮންމެ ހުށަހެޅުމެއް އޮޓޮމެޓިކުން ބާޠިލުވާ ގޮތަށް މި އަހަރުގެ އޮކްޓޫބަރު އެކެއްގައި ޢަމަލުކުރަން ފަށާފައިވާ ކަމަށާއި، ވިސާ ފީ ރީފަންޑު ނުކުރެވޭނެ ކަމަށް ވެސް އެ ޑިޕާޓްމެންޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް