ރަސްމާލެ މަޝްރޫޢާ ދެކޮޅު ހެދުމަކީ ރައްޔިތުންގެ ތަނަވަސްކަން ހުއްޓުވުން: ނަޝީދު
ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އެމްޑީޕީން އަޑުއުފުލަމުންދާތީ، އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އެމްޑީޕީން އަޑުއުފުލަމުންދާތީ، އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދެނެވަޑައިގަންނަވާ އެމްޑީޕީއަކީ ރަށު ގޮނޑުދޮށުންނާއި އަތޮޅު ދުނިން ވެސް ބޭރަށް ވިސްނުން ގެންދިއުމަށް އުފެދުނު، މަލްޓިކަލްޗަރަލް އަދި ލިބަރަލް ފިކުރުގެ ޕާޓީއެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ޕާޓީ އަބަދުވެސް ދެކެނީ ރައްޔިތުން އެދެނީ ތަނަވަސްކަމާއި ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަނަވަސް ޢާއިލާތަކުގެ ބޭފުޅުން ލަންކާގަޔާއި މާލޭގައި ބިމާއި ގެދޮރު ހުރެ، ދަރިން ބޭރު މީހުންނާ ކައިވެނިކޮށްގެން ބައިތިއްބައިގެން ތިބެ، "ޓަކާ ޓަކާ ގޮވައިގެން ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް" ކަމަށެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މިފަދަ ކަންކަމަކީ ރާއްޖެ އަބަދުވެސް ނިކަމެތިކަންމަތީ ބޭއްވުމަށް ޖަހާ މަޅިއެކެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީގެ ލީޑަރޝިޕާއި މަޖިލިސް މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މިއީ ރާއްޖޭގެ ބިން ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދިނުން ކަމަށެވެ. ނަމަވެސް ނަޝީދު ވަނީ އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ތާއީދުކުރައްވައި، އިންވެސްޓްމަންޓްތަކަށް ހުރަސް ނޭޅުމަށް ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް