މައިގަނޑު ބަޔަށް ދާން

ހަބަރު

59.7 ބިލިއަން ރުފިޔާގެ ބަޖެޓު ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި

ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް، އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

59.7 ބިލިއަން ރުފިޔާގެ ބަޖެޓު ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި

ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް، އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރެވެ. ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ވަނީ ފާސްވެފައެވެ.

ބަދަލެއް ނުގެނެސް ފާސްކުރެއްވި ސަބަބާ ގުޅޭ ގޮތުން މެންބަރު ޝަރީފް ވިދާޅުވީ، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ދަތިވާ ހާލަތެއް ކުރިމަތިވެއްޖެނަމަ، ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ބޭނުންވާ ޚަރަދުތައް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމަށެވެ.

ޖުމްލަ 59,704,440,795 ރުފިޔާގެ މި ބަޖެޓަކީ ހިނގަމުންދާ އަހަރުގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ ޢަދަދެކެވެ. ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ — 71.5 އިންސައްތަ — ޚާއްޞަކޮށްފައިވަނީ ހިންގުމުގެ ޚަރަދަށެވެ. ކެޕިޓަލް ޚަރަދަށް 9.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ އަދި ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

އާމްދަނީގެ ގޮތުން ހިލޭ އެހީއާ އެކު 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މިއީ މިއަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ޓެކުހުން އެކަނި 33.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ބަޖެޓުގެ އެންމެ ބޮޑު ބައެއް ޚާއްޞަކޮށްފައިވަނީ ޞިއްޙީ ދާއިރާއަށް ކަމަށް ވާއިރު، އެ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ — ބަޖެޓުގެ 17.6 އިންސައްތަ — ކަނޑައަޅައިފައިވެއެވެ.

ކޮމިޓީ މަރުހަލާ ނިމުމާ އެކު، ދެން މި ބަޖެޓު ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.