ޑިޕްލޮމަސީ ވީކް 2026 - އެމްއެންޔޫ ދަރިވަރުންނަށް ޚާރިޖީ ސިޔާސަތާ ގުޅޭ ސެޝަނެއް ބާއްވައިފި
ޑިޕްލޮމަސީ ވީކް 2026 ގެ ހަރަކާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންނަށް އަމާޒުކޮށް ބައިނަލްއަޤުވާމީ ޑިޕްލޮމަސީގައި ރާއްޖޭގެ ބައިވެރިވުމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ.
ޑިޕްލޮމަސީ ވީކް 2026 ގެ ހަރަކާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންނަށް އަމާޒުކޮށް ބައިނަލްއަޤުވާމީ ޑިޕްލޮމަސީގައި ރާއްޖޭގެ ބައިވެރިވުމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ.
މި ސެޝަން އިންތިޒާމުކޮށްފައިވަނީ އެމްއެންޔޫ އާއި ޚާރިޖީ ވުޒާރާ އަދި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގުޅިގެންނެވެ. "މަލްޓިލެޓަރަލް ޑިޕްލޮމަސީ އެންޑް މޯލްޑިވްސް އެންގޭޖްމަންޓް" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ސެޝަނުގައި ޔުނިވަރސިޓީގެ ދަރިވަރުންނާއި ލެކްޗަރާއިންގެ އިތުރުން ފޮރިން ސާވިސްގެ އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ކުދި ޖަޒީރާ ޤައުމުތަކުން ނިންމުންތައް ނިންމާ ގޮތްތަކާއި، ދުނިޔޭގެ ފެންވަރުގައި ޤައުމީ މަޞްލަޙަތު ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވިދާޅުވީ "ރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކަށް ބަލާއިރު ޚާރިޖީ ސިޔާސަތަކީ ޤައުމުގެ އެންމެ ފުރަތަމަ ދިފާޢު" ކަމަށާއި "ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އެންމެ ވަރުގަދަ އަޑު" ކަމަށެވެ. އެމްއެންޔޫގެ ޒުވާނުންނާ ގުޅުން ބަދަހިކުރުމަކީ ޢަމަލީ މައިދާނުގައި ޚާރިޖީ ސިޔާސަތު ހިންގާ ގޮތް އޮޅުންފިލުވައިދިނުމުގެ އިތުރުން، މުސްތަޤުބަލުގައި ޤައުމީ މަޞްލަޙަތު އިސްނަގައިގެން މަސައްކަތްކުރާނެ ދިވެހި ޑިޕްލޮމެޓުންގެ އައު ޖީލެއް ބިނާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސެޝަނުގައި ބައިވެރިވި ދަރިވަރުންނަށް ބައިނަލްއަޤުވާމީ މުއައްސަސާތަކުގައި، ޚާއްޞަކޮށް ތިމާވެށީގެ ދާއިރާ އިން ވަކާލާތުކުރުމާއި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ ރޮނގުން ރާއްޖެ އަދާކުރާ ދައުރާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވުނެވެ. ސުވާލާއި ޖަވާބުގެ ވަގުތުގައި ދަރިވަރުން ޑިޕްލޮމެޓުންނާ ސީދާ ސުވާލުކޮށް، ޢިލްމީ މައުލޫމާތާއި ޢަމަލީ ތަޖުރިބާ ހިއްސާކޮށްފައިވެއެވެ.
އެމްއެންޔޫ އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑިޕްލޮމަސީ ވީކް 2026 އަކީ ޚާރިޖީ ވުޒާރާއިން އިސްނަގައިގެން ހަފުތާއެއްގެ މުއްދަތަށް ހިންގާ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގެ މަޤްޞަދަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ފޮރިން ސާވިސް އިން ޤައުމަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ތަޢުލީމީ ދާއިރާ އާއި ޢާންމުން ހޭލުންތެރިކުރުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް