ލޯންޗު ބަންޑުން ޖަހާލައިގެން 2022 ގައި ގެއްލުނު މިންހާޖުގެ ޣައިބު ކަށުނަމާދު މާދަމާ
އއ. މާޅޮސް ކައިރިން 2022 ވަނަ އަހަރު ބަންޑުން ޖަހާލި ލޯންޗަކުން ގެއްލުނު ސ. ހިތަދޫ، މިންހާ، މުޙައްމަދު މިންހާޖުގެ ޣައިބަށް ކުރާ ކަށުނަމާދު މާދަމާ މާލޭގައި ބާއްވަން ނިންމައިފިއެވެ.
އއ. މާޅޮސް ކައިރިން 2022 ވަނަ އަހަރު ބަންޑުން ޖަހާލި ލޯންޗަކުން ގެއްލުނު ސ. ހިތަދޫ، މިންހާ، މުޙައްމަދު މިންހާޖުގެ ޣައިބަށް ކުރާ ކަށުނަމާދު މާދަމާ މާލޭގައި ބާއްވަން ނިންމައިފިއެވެ.
ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށް ފަހު މަސްޖިދުލް މަލިކި ސަލްމާން (ސަލްމާން މިސްކިތް) ގައެވެ. މިންހާޖުގެ ހަށިގަނޑު ފެނިފައި ނުވާތީ ޖަނާޒާގައި ކުރާނީ ޣައިބު ކަށުނަމާދެވެ. ގެއްލުނުއިރު އޭނާގެ އުމުރަކީ 28 އަހަރެވެ.
މި ހާދިސާ ހިނގީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅުގައެވެ. މިންހާޖު ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ އޮކްޓޫބަރު ހަ ވަނަ ދުވަހުގެ ރޭ 20:50 ހާއިރުއެވެ. އާއިލާއިން ބުނި ގޮތުގައި އޭގެ ކުރީ ދުވަހުގެ މެންދުރު 13:00 އިން ފެށިގެން އޭނާގެ ޚަބަރެއް ނުވެއެވެ. އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި މީހަކު ގެއްލިފައިވާ ކަމުގެ ރަސްމީ މަޢުލޫމާތު ފުލުހުންނަށް ލިބުނީ އޮކްޓޫބަރު ހަތް ވަނަ ދުވަހުއެވެ. އެ ލޯންޗުން ގެއްލުނީ މިންހާޖު ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.
އެ ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އަނެކާ އޮކްޓޫބަރު ހަތް ވަނަ ދުވަހު އއ. ފެރިދޫ ފުއްޓަރާ ދިމާ ކަނޑުމަތިން ފެނިފައިވެއެވެ. އެ މީހާއަށް ފެރިދޫ ޞިއްޙީ މަރުކަޒާއި މާލޭ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. ބަންޑުން ޖަހާލި ލޯންޗު ފަހުން ކަފު ޖަހައިގެން ހިމަންދޫއަށް ގެންގޮސްފައިވެއެވެ.
މިންހާޖު ހޯދުމަށް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަތަރު ދުވަހުގެ ތެރޭގައި ވައިގެ މަގުން 2000 އަކަ ނޯޓިކަލް މޭލު އަދި ކަނޑު މަގުން 665 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި ފާސްކޮށްފައިވެއެވެ. ނަމަވެސް އެއްވެސް ޚަބަރެއް ނުވުމުން އެ އޮޕަރޭޝަން ފަހުން ވަނީ ހުއްޓައިލާފައެވެ. ހާދިސާ ހިނގި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވި ދުވަސްވަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް