ރަސްމާލެ މަޝްރޫޢު ހުއްޓާލުމަށް އިލްމުވެރިންގެ ގުޅުމުން ގޮވާލައިފި
ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ނިންމާފައިވާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް އެ މަޝްރޫޢު ވަގުތުން ހުއްޓައިލުމަށް ދިވެހިރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން ގޮވައިލައިފިއެވެ.
ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ނިންމާފައިވާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް އެ މަޝްރޫޢު ވަގުތުން ހުއްޓައިލުމަށް ދިވެހިރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން ގޮވައިލައިފިއެވެ.
އެ ޖަމިއްޔާގެ އިލްމީ ދިރާސާތަކާއި ބަހުސްތަކާ ބެހޭ ކޮމިޓީން ވަނީ ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމަންޓް ދިރާސާކޮށް، 98 ޞަފްހާގެ ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުއްޔަށް ދޭ މުއްދަތު އަލުން 99 އަހަރަށް ފެށޭ ގޮތަށް އެއްބަސްވުމުގައި އޮތުމުން، އެ ބިން ދުވަހަކު ވެސް ދައުލަތަށް އަނބުރާ ލިބުމުގެ ފުރުސަތެއް ނެތެވެ. ހަމައެއާއެކު ދައުލަތުގެ އަގުބޮޑު ބިމެއް ދޫކޮށްލާއިރު ބިމުގެ އަގެއް، ކުއްޔެއް ނުވަތަ އެކަށީގެންވާ ހިއްސާއެއް ދައުލަތަށް ލިބޭ އިންތިޒާމެއް ހަމަޖެހިފައި ނެތް ކަމަށް ވެސް ބުނެފައިވެއެވެ.
މީހުން އާބާދުވާން ރާވަމުންދާ ތަނެއްގައި ޓޫރިސްޓު ރިސޯޓުތަކުގައި ހިނގާ ފަދަ އުސޫލުތައް ހެދުން ބަލައިނުގަނެވޭނެ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ޕްރޮޕަޓީ ގަތުމާއި ރެޒިޑެންޓް ވިސާ ގުޅުވައިގެން ބިދޭސީންނަށް މާކެޓުކުރެވޭ ގޮތަށް އޮތުމުން، ޣައިރު މުސްލިމުންގެ ދާއިމީ އާބާދީއެއް އުފެދިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، ޤާނޫނުއަސާސީގެ ނުވަ ވަނަ އަދި 10 ވަނަ މާއްދާގެ ދަށުން ޣައިރު މުސްލިމުން ރާއްޖޭގައި ވަޒަންވެރިކުރުވުމަކީ އެއްވެސް ޝަރުތެއްގެ މަތިން ތާއީދުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ. އެ މަޝްރޫޢު އީގަލް ހިލްސްއަށް ދީފައިވަނީ ތަފްސީލް ހާމަނުކޮށް، ވާދަވެރި ބީލަމަކަށް ވެސް ނުގޮސް ކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި ރަލާއި އޫރުމަހާއި ޖުވާ މަނާކުރުމާއި، މިސްކިތްތައް ބެހެއްޓުމާއި، އިޒްރޭލު ރައްޔިތުންނަށް ވިއްކުން މަނާކުރުން ފަދަ ހިމާޔަތްތައް ހިމެނޭތީ އިލްމުވެރިންގެ ގުޅުމުން ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ. އެހެން ނަމަވެސް ގަންނަ ފަރާތުގެ ދީނީ ޝަރުތެއް ބިލުގައި ނެތުމުން، ޣައިރު މުސްލިމުންނަށް ގެދޮރު ގަނެގެން ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. އެހެންކަމުން ދިރިއުޅުމަށް ތަރައްޤީކުރާ ޕްރޮޕަޓީ މިލްކުކުރެވޭނީ ނުވަތަ ލީސްކުރެވޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށާއި، ރައްޔިތަކަށް ވުމުގެ ޝަރުތު ފުރިހަމަވާ މުސްލިމުންނަށް އެކަނި ކަމަށް ޤާނޫނުގައި ސާފުކޮށް ލިޔުމަށް އެ ޖަމިއްޔާއިން ހުށަހަޅާފައިވެއެވެ.
އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މިއީ ސިޔާސީ ބަޔާނެއް ނޫން ކަމަށާއި، ބޭރުގެ އިންވެސްޓްމަންޓުތަކަށް ހުރަސްއެޅުމެއް ވެސް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް