ރަސްމާލެއަކީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލުކަން އިދިކޮޅުން ވެސް ޤަބޫލުކޮށްފި: އިމްރާން
ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ފެށުނު ދުވަސްވަރު އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރި ނަމަވެސް، މިހާރު އެ ފަރާތްތަކުން ވެސް ރަސްމާލެއަކީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެއްބަސްވެފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފ
އަހުމަދު އާހިލް ސައީދު
ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ފެށުނު ދުވަސްވަރު އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރި ނަމަވެސް، މިހާރު އެ ފަރާތްތަކުން ވެސް ރަސްމާލެއަކީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެއްބަސްވެފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރެވުނު ބަހުސްގެ ތެރެއިންނެވެ.
އެ ބަހުސްގައި އިމްރާން ވަނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ މާލީ މުޢާމަލާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ ގޮތުން ޤާނޫނާ ޚިލާފަށް ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ ޗާޕުކޮށް ފައިސާގެ ނިޒާމަށް ދޫކޮށްލިއިރު މީކާއީލް ކޮބައިތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ހަމައެހެންމެ ނ. އަތޮޅުގެ ފަޅުތައް ވިއްކައިގެންނާއި ތަންތަން 99 އަހަރަށް ކުއްޔަށް ދީގެން ލިބުނު ފައިސާއިން ވެސް ގިރާވަރު ފަޅު އެއްކޮށް ނުހިއްކުނު ކަމަށާއި، އެ ފައިސާއަށް ވީ ގޮތެއް ބައްލަވައިނުލެއްވި ކަމަށް އިމްރާން ވިދާޅުވިއެވެ. އޭގެ އިތުރުން، ކުރިން ފާފު އަތޮޅުގައި ހިންގަން އުޅުނު ބޮޑު އިންވެސްޓްމަންޓް ވެސް ރާއްޖެއިން ބޭރުކޮށްލީ އެމްޑީޕީން ކަމަށާއި، ރާއްޖެއަށް ފައިދާ ވާން އުޅޭ ކޮންމެ ކަމަކަށް އެ ޕާޓީން ހުރަސް އަޅަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ދިވެހިރާއްޖެއަށް އެއްވެސް ފައިދާއެއް ހުރިކަމެއް މިބޭފުޅުން ބޭނުމެއްނުވާނެ. ދިވެހި ރައްޔިތުންނަށް ދިވެހި ދައުލަތަށް ފައިސާއެއް ލިބޭކަށް ބޭނުމެއްނުވާނެ. މިއަދާ ހަމައަށް އީގަލް ހިލްސްގެ މަޝްރޫއު މިތާ ފެށުމަށްޓަކައި އެއްބަސްވުމެއް އަދި ޤާއިމެއްނުކުރެވޭ. އެއްބަސްވުމަކަށް ކުރެވުމުންދާ މަޝްވަރާތަކެއްގެ މައްޗަށް މިހާރު ވާހަކަ ދެކެވެމުން މިދަނީ. މިބޭފުޅުންނަކަށް ހަޖަމެއްނުވޭ،" އިމްރާން ވިދާޅުވިއެވެ.
"މިއަދު އެބޭފުޅާގެ ހުދު އަމިއްލަ އަނގައިން މިއަދު އެ ވިދާޅުވީ ދިވެހިރާއްޖޭގެ ދިވެހި ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލޭ ރަސްމާލެއަކީ. މީ އަޅުގަނޑުމެން މި ދައްކާ ވާހަކަ. މި ރައުސުލްމާލުގެ ބޭނުން މި ޕީއެންސީއިން ކުރާނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް،" އިމްރާން ވިދާޅުވިއެވެ.
މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް ޕީއެންސީގެ ސަރުކާރެއް ކަމަށް ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގައި ސޮއިކުރެވޭނީ ދެފުށް ފެންނަ ހާމަކަން ބޮޑު އެއްބަސްވުމެއްގައި ކަމަށެވެ. އަދި އިސްލާމް ދީނާއި ޤައުމުގެ އެއްބައިވަންތަކަމަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް މަޖިލީހުން ފާސްނުކުރާނެ ކަމުގެ ޔަޤީންކަން އޭނާ ރައްޔިތުންނަށް ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް