އަމާން އުދަރެސް ޓަވަރު ދޭއްގެ ކަރަންޓު މައްސަލަ ހައްލުކޮށް ޚިދުމަތް އަލުން ދީފި
އަމާން އުދަރެސްގެ ދެ ވަނަ ޓަވަރުން އިއްޔެ ކަރަންޓު ކެނޑުނު ޔުނިޓްތަކަށް އެފްޑީސީން ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދީފިއެވެ.
އަމާން އުދަރެސްގެ ދެ ވަނަ ޓަވަރުން އިއްޔެ ކަރަންޓު ކެނޑުނު ޔުނިޓްތަކަށް އެފްޑީސީން ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދީފިއެވެ.
އެފްޑީސީން ހިންގި ތަހުގީގުން އެނގިފައިވާ ގޮތުގައި ކަރަންޓު ކެނޑެން މެދުވެރިވީ އާތް ނަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އެ މައްސަލައިގައި ގިނަ އަދަދެއްގެ އީއެލްސީބީތަކަށް ގެއްލުން ލިބިފައިވެއެވެ. ގެއްލުންވި އީއެލްސީބީތައް ވަގުތުން ބަދަލުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މައްސަލަ ޖެހިފައިވާ އާތް ނިޒާމު މަރާމާތުކޮށް މުޅިން ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ކަރަންޓުގެ ޚިދުމަތަށް ބުރޫ އެރުމުގެ ފުރުސަތު އޮތް ކަމަށް އެފްޑީސީން ބުނެފައިވެއެވެ. އެހެންކަމުން އެ ޓަވަރުގައި ދިރިއުޅޭ ރައްޔިތުން މިކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އީއެލްސީބީތަކުގެ މައްސަލަތަކުގައި މެދުކެނޑުމެއް ނެތި ޓެކްނިކަލް އެހީތެރިކަން ދެމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ސްޓެލްކޯއާ ގުޅިގެން އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށް އެފްޑީސީން ބުނެއެވެ. އެއްވެސް ޔުނިޓަކުން މިކަމާ ގުޅޭ އިތުރު މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެ ކޯޕަރޭޝަނަށް އެންގުމަށް ވެސް ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް