ޗާގޯސް މައްސަލަ - މޮރިޝަސްއިން އިނގިރޭސިވިލާތާ ދެކޮޅަށް ދައުވާކުރާނެ ކަމުގެ އިންޒާރު ދީފި
މި އަހަރު ނިމުމުގެ ކުރިން ޗާގޯސްގެ ރަށްތައް ހަވާލުނުކޮށްފި ނަމަ އިނގިރޭސިވިލާތާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލާމް ދީފިއެވެ.
މި އަހަރު ނިމުމުގެ ކުރިން ޗާގޯސްގެ ރަށްތައް ހަވާލުނުކޮށްފި ނަމަ އިނގިރޭސިވިލާތާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލާމް ދީފިއެވެ.
ރާމްގޫލާމް ވިދާޅުވީ އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމްއާ ބައްދަލުކުރެއްވުމަށް ފަހު، ދައުވާ އުފުލުމުގެ ތައްޔާރީތައް ނިންމާފައިވާ ކަމަށެވެ. މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ ރާމްގޫލާމް ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުމެވެ.
ޗާގޯސް ދޫކޮށްލުމާ މެދު މޮރިޝަސްއާއި އިނގިރޭސިވިލާތުން ކުރިން އެއްބަސްވުމަކަށް އައި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ އެއްބަސްވުމާ ދެކޮޅު ހެދުމުން މައްސަލަ ހުއްޓުމަކަށް އައެވެ. މިދިޔަ ސެޕްޓެމްބަރުގައި ބާންހަމްއާ ބައްދަލުކޮށް ޓްރަމްޕް ބުނީ އެއީ "ވަރަށް ގޯސް އެއްބަސްވުމެއް" ކަމަށާއި، ޑިއޭގޯ ގާސިއާގައި އޮންނަ އެމެރިކާއާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށެވެ.
އެ މުޢާހަދާގެ ދަށުން ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން އެއްބަސްވެ، ފުރަތަމަ ތިން އަހަރު އަހަރަކު 165 މިލިއަން ޕައުންޑް އަދި އޭގެ ފަހުން 120 މިލިއަން ޕައުންޑް ދެއްކުމަށް ހަމަޖެހުނެވެ. ނަމަވެސް މިދިޔަ އެޕްރީލް މަހު އިނގިރޭސި ޕާލަމެންޓުން ވަނީ އެ މުޢާހަދާ ތަސްދީޤުކުރުން ހުއްޓުވައިފައެވެ.
ރާމްގޫލާމް ވިދާޅުވެފައި ވަނީ އަސްކަރީ ސަލާމަތީ ކަންކަމަށް މޮރިޝަސްގެ ފަރާތުން އެއްވެސް ހުރަހެއް ކުރިމަތި ނުކުރާނެ ކަމަށާއި، މުޢާހަދާ ތަންފީޒުވެއްޖެ ނަމަ ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒަށް މިހާރު ނެތް ޤާނޫނީ ޔަޤީންކަން ބައިނަލްއަޤުވާމީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކަށަވަރުވެގެންދާނެ ކަމަށެވެ.
މި މަހު ކުރީކޮޅު އެންޓީގާގައި ބޭއްވި ކޮމަންވެލްތު ސަމިޓުގެ ހަވާސާގައި ދެ ލީޑަރުން ބައްދަލުކުރައްވައި، އަހަރު ނިމުމުގެ ކުރިން ކުރިއެރުމެއް ހޯދުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ބާންހަމްގެ އޮފީހުން ބުނެފައިވެއެވެ. އެމެރިކާގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް އެއްބަސްވުމަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން އެމެރިކާއާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ބާންހަމް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް