ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތް ޢައްބާސް އިބްރާހީމަށް އަރުވައިފި
ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރެއްވުމުގެ އެންމެ މަތީ ޝަރަފު ކަމުގައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢައްބާސް އިބްރާހީމަށް އަރުއްވައިފިއެވެ.
ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރެއްވުމުގެ އެންމެ މަތީ ޝަރަފު ކަމުގައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢައްބާސް އިބްރާހީމަށް އަރުއްވައިފިއެވެ.
މި ޝަރަފު އެރުއްވީ ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވެވި ޖަލްސާގައެވެ. މ. ސިލްވަރކްލައުޑް، ޢައްބާސް އިބްރާހީމަކީ ދިވެހިބަހުގެ ގަވާއިދަށް ފުން ޢިލްމެއް ލިބިވަޑައިގެން ހުންނެވި، ވާހަކަ ދެއްކުމުގެ ފަންނުގައި ނަމޫނާ ބޭފުޅެކެވެ. އެމަނިކުފާނު ނޫސްވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ 1959 ވަނަ އަހަރުއެވެ. އެ ދައުރުގައި ރޭޑިއޯއިން ބޭރު ޚަބަރު އަޑުއައްސަވައިގެން ރީތި ދިވެހިބަހުން ތަރުޖަމާ ކުރެއްވުމަކީ އެމަނިކުފާނުގެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅެކެވެ.
އެމަނިކުފާނުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2000 ވަނަ އަހަރު ދިވެހިބަސް ފޮތް ޑިޖިޓަލް ކުރައްވައި ކޮމްޕިއުޓަރުން ބެލޭނެ ގޮތް ހައްދަވައިދެއްވުން ހިމެނެއެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ބައްލަވައި ބަސް ފުރިހަމަކުރެއްވުމާއި، ވާހަކައާއި މަޒުމޫނު ލިޔުއްވުމާއި، ޅެންވެރިކަމުގެ ރޮނގުންވެސް ޚިދުމަތް ކުރައްވާފައިވެއެވެ. 1979 ވަނަ އަހަރު ރޭޑިއޯ މޯލްޑިވްސްއާ އަލުން ގުޅިވަޑައިގެން ޕުރޮގުރާމުތަކަށް ބޮޑެތި ބަދަލުތައް ގެންނެވިއިރު ދިވެހިބަހާއި އަދަބިއްޔާތަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ.
ދައުލަތުން ތަފާތު ފަހަރުމަތިން އެމަނިކުފާނުގެ ޚިދުމަތުގެ އަގު ވަޒަންކޮށްފައިވެއެވެ. އެގޮތުން 1985 ގައި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 1990 ގައި މިނިވަން 25 ގެ އިނާމާއި، 2004 ގައި ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ. ނޫސްވެރިކަމުގެ ރަން ގަލަމާއި އަލިމަސް ގަލަމާއި މީޑިއާ ކައުންސިލުގެ "ޙަޔާތުގެ އަރުތަ" އިނާމުވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގައި މިހާރު ހުންނެވި ޢައްބާސް އިބްރާހީމް ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ޚިދުމަތް ކުރައްވާތާ 67 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެމަނިކުފާނު ދިވެހިބަހުގެ އެކެޑަމީގެ ގަވާއިދު ކޮމިޓީގެ ރައީސްކަންވެސް ކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް